އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފި އެވެ.
އެމަނިކުފާނު އެ މަސައްކަތް ބައްލަވާލެއްވީ މިހާރު އެ ސިޓީގެ ހުރިހާ ރަށްތަކަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.
އައްޑޫގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެސަރަޙަށްދަށް ރައީސް ކުރެއްވި ޒިޔާރަތުގައި ވަނީ އެ މަސައްކަތް ކުރިއަށްގެންދާ އެފްކޮންސްގެެ މުވައްޒަފުންނާ ބައްދަލުކޮށް މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު އޮޅުން ފިލުވާފައެވެ.
އެއަށްފަހު ރައީސް ވަނީ ކައިރި ގެތަކަށް ވަޑައިގެން އެ ގެތަކުގައި ދިރުއުޅޭ ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ. މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ތަނަށް އެމަނިކުފާނު ވަޑައިގަތުމުން އެ ސަރަޙައްދުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
އައްޑޫސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ އަހަރު އެވެ.
މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެން ހިންގާ މަޝްރޫއު އެކެވެ. މި މަޝްރޫޢުގައިި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ޖުމްލަ 207 ކިލޯޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ އެވެ.
މި މަޝްރޫއުގެ ދަށުން ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 41.023 ކިލޯމީޓަރުގެ މަގުގައި ތާރު އަދި ގައު ހިމެނޭހެން ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. މިހާރު ތާރުއަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 3.4 ކިލޯމީޓަރު މަގުގެ ރީސަރފޭސިންގ މަސައްކަތް ކުރުމަށްވެސް މި މަޝްރޫޢުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ތަރައްޤީކުރެވޭ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމަރާ އާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް ޤާއިމްކުރެވޭނެކަމަށެވެ.
މީގެ އިތުރުން މަގު ހެދުމުގެ މި ބޮޑު މަޝްރޫޢުގެ ދަށުން ޑީޓުއަރ 4 ލޭން ލިންކް ރޯޑް ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އައު 4 ލޭންގެ ޑީޓުއަރ ލިންކް ރޯޑެއް ޤާއިމްކުރުމަށްވެސް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް