ވާހަކަ: މިހިތުގެ ލޯތްބޭ ތީ - ސައުވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ނޫން މަންމާ.. ކައިވެނީގެ ކުރިން މިވާހަކަ ދެކެވުން މުހިންމު.. އަލައިކާ ދޭބަލަ އެމީހުން ގޮވައިގެން އަންނަން.." ޝިވަން އެހެން ބުނުމުން ހައިރާންވެ ހުރެ ބޯޖަހާލާފައި އަލައިކާ ދާން ...

04 Jun 2023 | 11:48

ކުރީގެ އަދަދާއި ގުޅޭ...

"ނޫން މަންމާ.. ކައިވެނީގެ ކުރިން މިވާހަކަ ދެކެވުން މުހިންމު.. އަލައިކާ ދޭބަލަ އެމީހުން ގޮވައިގެން އަންނަން.." ޝިވަން އެހެން ބުނުމުން ހައިރާންވެ ހުރެ ބޯޖަހާލާފައި އަލައިކާ ދާން ހިނގައިގަތެވެ. ޖަނާންއާއި ކައިލްވެސް އެކަކު އަނެކަކަށް ބަލައިލިއެވެ. ޝިވަންއަށް ކަމެއް އެނގުނީބާއޭ ހިތަށް އަރާފައެވެ. ފުރަތަމަ ފައިބައިގެން އައީ އަރްހާން އެވެ. އޭނާވެސް މާބޮޑަކަށް ތައްޔާރުވެފައެއް ނެތެވެ. ކަޅު ގަމީހަކާއި ޖިންސެއްގައި ހުރިއިރު އޭނާގެ މޫނުމަތި ވަނީ މިލާފައެވެ. އަލައިކާގެ އެހީގައި ލައިގެން ހުރި ދިގު ހުދުހެދުމުގައި ހިފަހައްޓައިގެން އަންނަ އިޒްވާއަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. އަރްހާންއަށް އަމިއްލަ ނަފްސަށް ބާރެއް ނުފޯރުވުނެވެ. އިޒްވާ ފެނުނު ހިނދުން އެހެން ދިމާލަކަށް ބަލައިވެސް ނުލެވުނެވެ. ހިތް ރޮމުން ދިޔަ ހާލުވެސް އެރީތިކަމަށް ތައުރީފު ކޮށްލެވިއްޖެއެވެ. އަރްހާން ސިހުނީ ރައިހާނާގެ އަޑަށެވެ.

"ޝިވަން ދަރިފުޅާ އަވަސްކޮށްބަލަ.. ތިދައްކާ ވާހަކައެއް އަވަހަށް ދައްކާބަލަ.. ވަގުތު ވަރަށް ކުޑަތަން ވެއްޖެ.. " ރައިހާނާ ބުންޏެވެ. ޝިވަން ފުންނޭވައެއް ދޫކޮށްލިއެވެ. އޭނާ ދައްކަން އުޅޭ ވާހަކަތައް ދެއްކުމަށްފަހު ނިކުންނާނެ ނަތީޖާ އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ އެހުރީ އެކަމަށް މުޅިން ތައްޔާރުވެގެންނެވެ. އޭނާއަށް ކުރެވުނު ކުށެއްގެ ސަބަބުން އިޒްވާއާއި އަރްހާން ދިރިއުޅުން ބަރުބާދުކޮށްލުމަކީ ވެވޭނެ ވަރަށް ބޮޑު ބޭއިންސާފެކެވެ. ކުރެވުނު ކުށުގެ ބަދަލުގައި މިއީ އިޒްވާއަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ހެޔޮ ކަމަށް ވެގެން ދާނެއެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި އެންމެން ތިބީ ސޯފާގައި އިށީނދެގެންނެވެ. ޝިވަން އުޅޭގޮތުން އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ. އިޒްވާވެސް ދެއަތް ދެއަތާ މޮޑެމުން ދިޔައީ ވާން އުޅޭ ގޮތެއް ނޭނގޭތީއެވެ.

"ޝިވަން ތިބުނަން އުޅޭ އެއްޗެއް އަވަހަށް ބުނަންވީނު.. މިހާރު މަންމަ ކަންބޮޑުވާން ފަށައިފި.. " ރައިހާނާ ބުންޏެވެ.

"އެއީ ތެދެއް ޝިވަން.. މިދެން ކޮން ކަމެއްތަ؟ " ފާރިހާ އިނީ ހިތްހަމަނުޖެހިފައެވެ.

"އަހަރެންނަށް މިކައިވެނި ކުރެވޭކަށް ނެތް.. " ޝިވަންގެ ޖުމްލަ މުޅި ތަނުގައި ބޮމެއް ގޮއްވައިލި ފަދައެވެ. އަރްހާންއާއި އިޒްވާއަށްވެސް ލިބުނީ ސިހުމެކެވެ. އެހިނދު އެކަކު އަނެކަކަށް ބަލައިވެސް ލެވިއްޖެއެވެ. ކައިލްގެ ތުންފަތް ދެމިލީ ހިތްހަމަޖެހުނު ވަރުންނެވެ. އެމަންޒަރު ފެނި ޖަނާން ނޭނގޭ ގޮތަށް ކައިލް  ގައިގާ ވިކައިލިއެވެ.

"ކީކޭ؟؟ އެއީ ކީއްވެ؟ ޝިވަން ހަމައިގަތަ ތިހުރީ... " ރައިހާނާ ހިތްހަމަނުޖެހިފައި އިންތަނުން ތެދުވިއެވެ.

"ކައިވެންޏަށް މިހާ ކުޑަތަން ވެފައި ވަނިކޮށް ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ.. " ފާރިހާވެސް ބުންޏެވެ. ޝިވަންގެ ދެލޯ ފެންކަޅިވެގެން ދިޔައީ އޭނާއަށް ކުރެވުނު ކަންތައް ހަނދާންވުމުންނެވެ. އެކުށައް އިއުތިރާފު ވާންވީ ވަގުތު އައިސް ޖެހުނީއެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު ޝިވަން އިންތަނުން ތެދުވިއެވެ. އެންމެންވެސް ތިބީ ޝިވަންގެ ހަރަކާތްތަކަށް ބަލާށެވެ. ޝިވަން ގޮސް އިޒްވާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އިށީނދެއްޖެއެވެ. ދެއަތް ޖޯޑުކޮށްލި ހިނދު ޝިވަންއަށް ރޮވިއްޖެއެވެ.

"އަހަރެންނަށް މާފުކުރޭ އިޒްވާ!! އަހަރެން މީ ވަރަށް ބޮޑު ކުށްވެރިއެއް... " ކުރެހިފައިވާ އަޑަކުން ޝިވަން ބުންޏެވެ. އިޒްވާ އިނީ ހައިރާންވެ އަންތަރީސް ވާވަރުވެފައެވެ. ފެންނަމުން މިދަނީ ކުރިން ދުވަހަކުވެސް އޭނާއަށް ނުފެންނަ ފަދަ މަންޒަރެކެވެ. އަރްހާންއާއި އެހެން މީހުންވެސް ތިބީ ކިޔާނެ ބަހެއް ނޭނގިފައެވެ.

"ޝިވަން... " ނޭވާ އަވަސްވެފައި ހުރި ރައިހާނާ ގޮވައިލިއެވެ. ނަމަވެސް ޝިވަން ބަލައެއް ނުލިއެވެ. އިޒްވާގެ ކުރިމަތީގައި އިސްޖަހައިގެން އިނދެ އޭނާއަށް ރޮވެނީއެވެ.

"ކައި.. އަހަރެން... އަހަރެންނަކީ... ކައިސަންގެ ... ޤާތިލް.... " އުނދަގުލާއެކު ޝިވަން ބުންޏެވެ. ލިބުނު ސިހުމުގައި އިޒްވާއަށް އިންތަނުން ތެދުވެވިއްޖެއެވެ. ދެލޯ ބޮޑުވެފައި ހުރެ އަރްހާންވެސް އިންތަނުން ތެދުވިއެވެ. ސިހުނު ވަރުން ރައިހާނާއަށް ކައިރީގައި ހުރި ފާރިހާގެ އަތުގައި ހިފަހައްޓައިލެވުނެވެ.

"ކައިސަން އެކްސިޑެންޓް އެއީ ކާރު އެކްސިޑެންޓެއް ނޫން.. އޭނަ މަރުވީ އަހަރެން އަތުން.. ކައިސަންއާއި އަހަރެންނާ މެދު ހިނގި ހަމަނުޖެހުމެއްގައި އަހަރެންނަށް ކައިސަން ކޮއްޕާލެވުނީ.. ކައިސަން މަރުވީ ޓެރޭސް އިން..." ޝިވަންއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ކޯތާފަތް މައްޗަށް އަރައިގެން ދިޔައީ އިޒްވާގެ އަތުގެ ހޫނު އެތިފަހަރެކެވެ. އަރްހާނަށް ދެލޯ މަރައިލެވުނެވެ. ރޯންފެށި ރައިހާނާ ގައިގާ ފާރިހާ އާއި ޖަނާން ހިފަހައްޓާލިއެވެ. އީލާކްގެ އެދުމުގެ މަތިން ހުރިހާ ކުދިންތައް ގޮވައިގެން އަލައިކާ ދިޔައީ ކޮޓަރިއަށެވެ. މެހެމާނުންތަކާއި ގާޒީން އަނބުރާ ފޮނުވާލުމަށް ކައިލް އެދުނީ ރާޖާ ކައިރިންނެވެ.

"ތީ އަދި ކުޑަވަރެއް.. އަހަރެންނަށް ތިއަށްވުރެ ބޮޑެތި އަދަބު ހައްޤުވޭ.. އެކަމަކު އޭގެ ކުރިން އަހަރެން ބޭނުން އެކަން ހިނގައިދިޔަ ގޮތް ކިޔައިދޭން.. " ޝިވަން ބުންޏެވެ.

"ކޮން ވާހަކައެއް ދެން ކިޔައިދެން އޮންނާނީ.. ލަދެއްވެސް ނުގަނޭތަ؟ އަހަރެންގެ ފިރިމީހާ މަރާލުމަށްފަހު ތިއުޅުނީ އަހަރެންނާ ކައިވެނި ކުރަންވެގެން.. ކޮންމެހެން އަހަރެންނަށް ހެޔޮ އެދިގެންނެއް ނޫން.. މަތި އަޅަންވެގެން.. ކީއްވެގެން؟؟ ކީއްވެ؟؟ ކީއްވެހޭ އަހަރެންގެ ކައިސަން މަރާލީ.. " އިޒްވާ ހަޅޭއްލަވަމުން ޝިވަންގެ ގަމީހުގައި ހިފާ އޭނާގެ މޭގައި ތަޅަން ފެށިއެވެ. އެއްވެސް މީހަކު އިޒްވާ ހުއްޓުވާކަށް ނޫޅުނެވެ. އިޒްވާއާ ދިމާލަށް އަތް ދިއްކޮށްލާފައިވެސް އަރްހާން ފަސްޖެހުނެވެ.

"އިޒްވާ މިއަދު އަހަރެން މަރާލިޔަސް އެއްވެސް ޝަކުވާއެއް ނުކުރާނަން.. އެކަމަކު އެންމެ ފަހަރަކު އަހަރެން މިދައްކާ ވާހަކަ އަޑުއަހާލަދީ... އާދޭސްކޮށްފަ ބުނަން.. " އިޒްވާގެ ދެއަތުގައި ހިފަހައްޓަމުން ޝިވަން ބުންޏެވެ.

"އަހަރެން އެއްވެސް ވާހަކަ އަޑުއަހާކަށް ބޭނުމެއް ނޫން.. " އިޒްވާ ޝިވަންގެ އަތް ފޮޅުވާލުމަށްފަހު އޭނާގެ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލިއެވެ.

"އިޒީ!! އިޒީ.. އަހަރެންނަށް އެނގޭ މިވަގުތު އިޒީއަށް ކުރާނެ އަސަރު.. އެކަމަކު ޝިވަންބެގެ ވާހަކަ އަޑުއަހާލަބަލަ.. ޝިވަންބެއަށްޓަކައެއް ނޫން.. ރައިހާނާއްތައަށްޓަކައި.. އަހަރެމެން އެންމެންނަށްޓަކާ.. އެންމެންވެސް ބޭނުންވޭ ހަޤީޤަތް އެނގެން.. " އިޒްވާ ކައިރިއަށް ޖެހިލަމުން ޖަނާން ބުންޏެވެ. އިޒްވާގެ ނަޒަރު ރައިހާނާއަށް ދަތުރުކޮށްލިއެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރެ ރައިހާނާ ރޮނީކަން އިޒްވާއަށް އެނގުނެވެ. ވަކި އެއްޗެއް ނުބުނެ އިޒްވާ މޫނު އަނެއްފަރާތަށް އަނބުރާލަމުން ދެއަތް އުރައިލިއެވެ. ޝިވަންއަށް ވާހަކަ ދައްކަން ފުރުސަތު ދެމުންނެވެ.

"މިކިޔައިދޭން އުޅޭ ވާހަކަ ތަކަކީ މީގެ ކުރިން އެއްވެސް މީހަކަށް ނޭނގޭނެ ވާހަކަތެކެއް.. ކިޔައިދޭން މިއުޅެނީ ވަރަށް ބޮޑު ސިއްރުތަކެއް.. " ޝިވަން ބުންޏެވެ.

"ބޭކާރު ވާހަކަ ނުދައްކާ ޝިވަން.. ތިކިޔަން އުޅޭ އެއްޗެއް އަވަހަށް ކިޔާ.. ފުލުހުންނަށް ގުޅަންވެއްޖެ. " އެހެން ބުނި އިރު ރައިހާނާގެ މައިލަގޮނޑި ކެތް ނުވެއެވެ. ޝިވަން ހަމައެކަނި ބޯޖަހައިލީއެވެ. އިސްޖަހައިގެން ހުރި އަރްހާންގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.

"މިކަންތައްގަނޑު ފެށުނީ  ކައިސަން އަހަރެމެންގެ އޮފީހަށް ޖޮއިން ކުރި ހިސާބުން ފެށިގެން.. އޭރު އަހަރެންނަށް އެއްވެސް ހަޤީޤަތެއް ނޭނގޭ.. ނަމަވެސް އޭގެ ފަހުން ބައްޕަގެ އުޅުމަށް އައި ބަދަލުތަކެއްގެ ސަބަބުން އަހަރެންނަށް ސުވާލުކުރަން މަޖުބުރުވީ.. އަހަރެންނަށް ފާހަގަވީ ބައްޕަ ގިނަ ވަގުތު ކައިސަންއާ އެކު ހޭދަކުރަން އުޅޭކަން.. ބައްޕަ ކައިސަންއާ ދިމާލަށް ބަލައިލާ އޯގާތެރި ބަލައިލުމާއި އެމޫނުމައްޗަށް އަންނަ މޮޅީގެ އަސަރުތައް.. އަހަރެންނަށް ފާހަގަވާން ފެށީ ބައްޕަ މާބޮޑަށް ހިތާމަ ކުރާކަން.. އެހެންވެ އަހަރެން ސުވާލުކުރީ.. ބައްޕަ ނުބުނަން ވަރަށް މަސައްކަތްކުރި.. އެކަމަކު އަހަރެންގެ ސުވާލުތަކުގެ ކުރިމަތީގައި ބައްޕަ ޖެހުނީ ހަތިޔާރު ބަހައްޓަން.. ކައިސަން... ކައިސަން އަކީ.. އަރްހާންގެ އެއްބަފާ ބޭބެ.. ކައިސަން އަކީ ބައްޕަ އެހެން ބަނޑަކަށް ހުރި ކުއްޖެއް.." ޝިވަން އެހެން ބުނީ އަރްހާންއަށް ބަލައިލަމުންނެވެ. ސިހުނު ވަރުން އަރްހާންގެ ދެލޯ ބޮޑުވިއެވެ. އިޒްވާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ކުއްލިއަކަށް ހަނދާންވީ މަރިޔަމްއަށް ރައިހާނާގެ އާއިލާ މީހުންގެ ފޮޓޯ ދެއްކިއިރު އަސްގަރު ފެނުމުން މަރިޔަމް ފުންނޭވާތަކެއް ލާ ރޯންފެށި ދުވަހެވެ. ރައިހާނާގެ ހީވީ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އޭނާ މާޒީ މިފަދަ ގޮތަކަށް ކުރިމަތިވެދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

"ކައިސަންގެ މަންމަ މަރުވެފައިވާ ކަމެއް އޭރު ބައްޕައަކަށް ނޭނގޭ.. ބައްޕަ ބޭނުންވި އެމީހާ ކޮބާތޯ އާއި ހާލު ހުރި ގޮތެއް ބަލައިލަން.. އެހެންވެ ބައްޕަ ބުނެގެން އަހަރެން ނުސީދާ ކޮށް ކައިސަން ކައިރީ އެހީ އޭނަ މަންމަ ކޮބައިތޯ.. އޭނަގެ ޖަވާބު އައި ގޮތުން އަހަރެން ވަރަށް ދެރަވި.. ބުނީ.........." ޝިވަން ބުނަން އުޅުނެވެ.

"ކައިސަންގެ މަންމަ މިދުނިޔެއާ ވަކިވެ ދިޔައީ ހިތާމަ ކޮށް ކޮށް އެހިތަށް އިތުރަށް ބަރުދާސްތު ނުކުރެވޭ ވަރު ވެގެން.. ހަޔާތުގައިވި އަލަތު ލޯބި ނުލިބި ލިބުނު ދަރިފުޅުވެސް އެދަރިފުޅުގެ ބައްޕައާ ވަކިން ބޮޑުކުރަން ޖެހުމުން. މީހުންގެ ފަރާތުން އަމާޒުވި މަލާމާތާއި ފުރައްސާރަ ރައްދުވީ ހަމައެކަނި ކައިސަންގެ މަންމައަކަށް ނޫން. ނަހަލާލު ކުއްޖަކަށް ވުމުން ކައިސަންއަށްވެސް އެހާ އުނދަގޫކުރި.. ސުކޫލުގައި ކައިސަން ގަނާގެ ޝިކާރައަކަށްވި.. އެދެމައިން އުޅުނު ހިތްދަތި ދިރިއުޅުން އަހަރެންނަށްވެސް ކިޔައިދިނީ ކައިސަން... " އިޒްވާ ބުންޏެވެ. ޝިވަން އެކަމާ ގުޅުވައިގެން އިތުރު އެއްޗެއް ނުބުނީ އެއީ ކައިސަންވެސް އޭނަ ކައިރީގައި އެވާހަކަ ދައްކާފައިވާ ގޮތްކަމަށްވާތީއެވެ.

"އެވާހަކަ ބައްޕައަށް އަހަރެން ކިޔައިދިނުމުން ބައްޕަގެ ހިތާމަތައް ދެގުނަވި ކަހަލަ.. ކުރެވުނު ކަންތަކާ ދެރަވެ އަބަދުހެން ހިތާމަ ކުރަން ފެށި.. ބައްޕަ ބުނީ އަހަރެމެން އުފަލުން ހަމަޖެހިލައިގެން އުޅުނަސް ބައްޕަގެ ސަބަބުން އާއިލާއެއް ބިކަވެގެން ދިޔަ ވާހަކަ.. އެހެންވެ އަމިއްލަ ނަފްސަށް ބައްޕަ އަދަބު ދިނީ މިއާއިލާއާވެސް ދުރަށް ގޮސް އުމުރުގެ ބާކީ މިއޮތް ދުވަސްތައް އެކަނިވެރިކަމުގައި ހޭދަކުރުމަށް.. " ޝިވަން ކިޔައިދިނެވެ. އޭރު ރައިހާނާ އައިސް ހުރީ ޝިވަންއާ ދާދި ގާތުގައެވެ.

"ތިބުނީ އަސްގަރު މަރެއް ނުވެޔޭތަ؟ އޭނަ ދުނިޔޭގައި އެބަހުރި ދޯ..؟ " ޝިވަންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ރައިހާނާ އެހިއެވެ. އަރްހާންވެސް ހުރީ ކެތްތެރިކަމެއްނެތި ޝިވަންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ ޝިވަން ބޯޖަހާލައިފިއެވެ. އެއާއެކު އަނެއްކާވެސް ޝިވަންގެ ކޯތާފަތަށް އަރައިގެން ދިޔައީ ރައިހާނާގެ އަތުގެ ހޫނު އެތިފަހަރެކެވެ. އަރްހާންގެ އަތްވެސް މުށްކެވިގެން ދިޔައީ އައި ރުޅީގައެވެ. ބައްޕަ އުމުރަށް ވަކިވެދިޔުމުގެ ހިތާމަ ނުކުރާތާ އެންމެ ދުވަހެއްވެސް ފާއިތުވެގެންނެއް ނުދެއެވެ.

"ކީއްވެ ތިހާ ބޮޑު ކަމެއް އަހަރެންނަށް ސިއްރުކުރީ.. އެނގޭތަ އަހަރެން އަސްގަރު ހޯދަން އުޅުނުވަރު.. ކަލޭމެން އޭނަ މަރުވީއޭ ކިއިރުވެސް އަހަރެން ބުނަމުން ދިޔައީ އޭނަ ދުނިޔޭގައި ހުރިކަމަށް.. ކިހާ ރީތިކޮށް ކަލޭމެން އަހަރެންނަށް އޮޅުވާލީ... " ރައިހާނާ ހަޅޭއްލަވައިގަތެވެ.

"ރައިހާނާ...!! " ދޮރުމަތިން އިވުނު އަޑާއެކު ރައިހާނާ ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. އަރްހާންއާ އެކު އެހެން އެންމެންވެސް ސިހިފައި ބަލައިލިއެވެ. ޝިވަންއަށްވެސް ލިބުނީ ސިހުމެކެވެ. ދަބަހެއް ހިފައިގެން އެމީހުންނާ ދިމާލަށް ހިނގާފައި އެއަންނަނީ މީގެ ދެއަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ އަސްގަރެވެ. އޭރާއި ބަލާފައި މިހާރު އަސްގަރު ސިފަ މުޅިން ބަދަލުވެއްޖޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަތިމަހާއި ތުނބުޅި ދިގުކޮށްލާފައިވާއިރު މީހާވަނީ ހިކިކަމުންގޮސް ކަށިކޮޅަކަށްވެފައެވެ.

"ހިނގައިދިޔަ އެއްވެސް ކަމެއްގައި ޝިވަންގެ ކުށެއް ނެތް. އޭނާ އެކަން ސިއްރު ކުރީ އަހަރެން ބުނެގެން.. އުފަލުގައި އުޅުން އަހަރެންނަށް ވީ އަޒާބެއް ކަމުގައި.. އެހެންވެ އަހަރެން މިތަން ދޫކޮށް ދިޔައީ.. ރައިހާނާއާއި އަރްހާންއަށް ދެވުނު ހިތްދަތިކަމަށް އަހަރެން މާފަށް އެދެން.. " ރައިހާނާގެ ކުރިމަތީގައި އަތް ޖޯޑުކޮށްލައިގެން ހުރެ އަސްގަރު ބުންޏެވެ.

"އަހަރެމެންނާއެކު ދިރިއުޅުމަކީ އަޒާބަކަށްވާއިރު ކީއްކުރަން އެނބުރި ތިއައީ... " ހިތާމައާއި ރުޅި އެކުވެފައިވީ ރާގެއްގައި ރައިހާނާ ބުންޏެވެ. އެހާ ދުވަހަށްފަހު އަސްގަރު ފެނުމުން އަރްހާން ހުރީ ލޯބިވާ ބައްޕަ ގައިގާ ބައްދާލަން ބޭނުންވެފައެވެ. ނަމަވެސް އޭނާގެ އަތް ފަޔަށް ހަރަކާތެއް ނުގެނެވުނެވެ.

"އަހަރެންނަށް މާފުކުރޭ ބައްޕާ.. ބައްޕަ އަހަރެންނާ ހަވާލުކުރި މަސައްކަތް ނުކޮށްދެވުނީތީ.. އެކަމަކު ޤަބޫލުކުރޭ.. އެއީ އަހަރެން އަތުން ގަސްދުގައިވީ ކަމެއް ނޫން.. " އަސްގަރު ކުރިމަތީގައި ހުއްޓި ޝިވަން ރޯންފެށިއެވެ.

"ކިހިނެއް އެހާ ވަރުގެ ބޮޑު ކަމެއް ހިނގީ.. ފޯނުންވެސް ޝިވަންއަށް ކިޔައެއް ނުދެވުނެއްނު.. " އަސްގަރު އެހެން ބުނީ މަޑުމައިތިރިކަމާއެކުއެވެ. އެހެންނަމަވެސް އޭނާގެ އަޑުގައި ރިހުމެއްވިއެވެ. ޝިވަން ގުޅާފައި އޭނާ އަތުން ކައިސަން މަރުވި ވާހަކަ ބުނުމުން އަސްގަރަށް ލިބުނީ ބޮޑު ސިހުމެކެވެ. އަހާ އަހާވެސް ޝިވަންގެ ފަރާތުން ވީގޮތެއް ނޭނގުނެވެ. ޝިވަންއަށް ކުރެވުނުހާވެސް ކަމަކީ ރޮއެރޮއެފައި މާފަށް އެދުމެވެ.

"އަހަރެންނާއި މައިރާ އުޅުނީ ވަރަށް ލޯބިން ރައްޓެހިވެގެން.. އެއްދުވަހު އަހަރެންނަށް އެނގުނީ މައިރާއާއި ކައިސަންގެ މެދުގައި ނަހަމަ ގުޅުމެއް އޮތްކަން.. ޓެރޭސްގައި އެދުވަހު ޒުވާބު ކުރެވުނީ އެކަމާ.. ކައިސަން ދިޔައީ އެކަމަށް ދެކޮޅު ހަދަމުން.. ނަމަވެސް އަހަރެން ޤަބޫލެއް ނުކުރަން.. އެދެމީހުންގެ ގައިގޯޅު ފޮޓޯތަކެއް އަހަރެންނަށް ފެނިފައި ހުރީ.. އަހަރެން ހުރީ ރުޅި އައިސްގެން ގޮސް ހަމައިން ނައްޓާފައި.. އެޒުވާބުގެ ތެރެއިން ކައިސަންއަށް އޭނާގެ ބައްޕައަކީ ކޮބައިކަންވެސް އެނގުނީ.. އެހިސާބުން ކައިސަންވެސް ހުރީ އިންތިހާއަށް ރުޅި އައިސްފައި..އެކަމަކު ﷲ ގަންދީ ހުވާކޮށްފައި ބުނަން.. އަހަރެން އުޅުނީ ކައިސަން މަރާލާކަށް ނޫން.. ޒުވާބު ބަދަލުވީ ބޮޑު ފައިޓަކަށް.. އަހަރެން ކައިސަން ކޮއްޕާލީ އޭނާ އެތަނުން ވައްޓާލުމުގެ ގަސްދުގައެއް ނޫން.. ވަގުތާއި ހާލަތުގެ ގޮތުން އަހަރެންނަށް ތަންދޮރު ނޭނގުނީ.. އަހަރެން ކޮއްޕާލި ވަގުތު ކައިސަން ވެއްޓުނީ ބެލެންސް ކަޓައިގެން ގޮސް.. " އެހާ ހިސާބަށް ކިޔައިދީފައި ޝިވަން ހުއްޓުނެވެ. އެވާޙަކަތައް ދެއްކުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. އިޒްވާ މޫނުމަތީގައި އަތް އަޅާފައި ރޯންފެށިއެވެ. އިޒްވާއާ ދިމާލަށް އަތްދިއްކޮށްލާފައިވެސް އަރްހާން އަތްތިރިކޮށްލިއެވެ. ޖަނާން އިޒްވާ ކައިރިއަށް ޖެހިލައި އިޒްވާ ގައިގާ ހިފަހައްޓާލިއެވެ.

"އަހަރެންނަށް ހަމަހޭވެރިކަންވީ މައިރާ ހަޅޭއްލަވައި ގަތް އަޑު އިވިފައި.. އަހަރެމެން ދެމީހުންނަށް ތިރި ބަލައިލެވުނީ އެކުއެކީގައި.. އޭރު ކައިސަން އޮތީ ތިރިއަށް ވެއްޓިފައެވެ. އޭނާގެ އެއްވެސް ހަރަކާތެއް ނެތް.. މައިރާ ހަޤީޤަތް ކިޔައިދިނީ އެވަގުތު.. އެގައިގޯޅި ފޮޓޯތަކަކީ އޭނާއާ އައިދަން ރާވައިގެން ކައިސަންއަށް ލަނޑެއްދޭން އޭޏާގެ ކޮފީއަށް ބޭހެއް އަޅާފައި އޭނާ މަސްތުގެ ހާލަތުގައި ވަނިކޮށް ނަގާފައި ފޮޓޯތަކެއް.. އައިދަން ބޭނުންވީ ކައިސަންގެ ހަޔާތުން  އިޒްވާ ބޭރުކުރަން.. މައިރާއާއި އައިދަންގެ މެދުގައި މާކުރިން އޮތް ރަހުމަތްތެރިކަމެއްގެ ސަބަބުން މައިރާ އެކަން އައިދަންއަށް ކޮށްދިނީ... " ޝިވަންގެ ވާހަކަ އިވިފައި އިޒްވާއަށް އިތުރަށް ރޮވުން ނޫން ކަމެއް ނުވިއެވެ. އެންމެ ފަހު ނޭވަޔާ ޖެހެންދެންވެސް އޭނާގެ ކައިސަން ހުރީ އޭނާއަށް ވަފާތެރިކަންމަތީގައި ކަން އެނގުމުންނެވެ. އިޒްވާއަށް ވާހަކައެއް ނުދެއްކުނެވެ. ރޮވެނީއެވެ. ރޮމުން ރޮމުން ގޮސް ގައިގެ ވަރުދޫވެ ހުރިތަނަށް ތިރިވެވިއްޖެއެވެ. ތަނުގައި ތިބި އެންމެންގެ ހިތްވެސް ވަނީ އިޒްވާއަށްޓަކައި ހަމްދަރުދީއިން ފުރިފައެވެ. ޚާއްސަކޮށް އަރްހާންއެވެ. އިޒްވާގެ އެހާލަތު ބަލަން އޭނާއަށް ކެތްވަނީއެއް ނޫނެވެ.

"މަންމަ ޤަބޫލުކުރަން ޝިވަން ގަސްދުގައި އެއްވެސް މީހަކު މަރައެއް ނުލާނެކަން.. ޝިވަން ތިދެއްކި ހުރިހާ ވާހަކައެއްވެސް މަންމަ ޤަބޫލުކޮށްފިން.. އިޒްވާ!! އާދޭސްކޮށްފަ ބުނަން.. އަހަރެންގެ ޝިވަންއަށް މާފުކޮށްދީ.. " މައިލަގޮނޑިއަށް ކެތް ނުވެ ރައިހާނާ ބުންޏެވެ.

"މަޑުކުރޭ މަންމާ!! އަދި އަހަރެންގެ ވާހަކަތައް ފުރިހަމައެއް ނުވޭ.. އެންމެ ބޮޑު އެއް ހަޤީޤަތެއް އަދިވެސް ސިއްރުކުރެވިފައި އެބައޮތް.. ކައިސަން އެކްސިޑެންޓްވި ދުވަހަކީ އަރްހާންވެސް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދެވުނު ދުވަސް.. ކަން ދިމާކުރި ގޮތުން ކުޑަވަގުތުކޮޅަކަށް ކައިސަންއަށް ހޭވެރިކަންވި.. އޭނާއާ ޖެހިގެން އައި ސީ ޔޫ ގައި އޮތީ އަރްހާންކަން ކައިސަން އެނގުނީ ކިހިނެއް ކަމެއް އަހަރެންނަކަށް ނޭނގޭ.. ކައިސަން އަހަރެންނާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުން އަހަރެން އެތެރެއަށް ވަނީ.. ރޮއެފައި އަހަރެން މާފަށް އެދުމުން ކައިސަން ބުނި އެކަމުގައި އަހަރެންގެ ކުށެއް ނެތޭ.. އެކަމަކު އަހަރެން އެކަމެއް ޤަބޫލެއް ނުކުރަން.. ކައިސަން ބުނީ އޭނާ އަތަކު މާގިނަ ވަގުތެއް ދެން ނެތޭ.. އެދުނީ އިޒްވާއާއި މަރިޔަމް ރަނގަޅަށް ބަލައިދިނުމަށް.. އެންމެ ފަހު ކަމެއްގެ ގޮތުން އޭނާ ބޭނުންވީ އަރްހާންގެ ފުރާނަ ސަލާމަތް ކުރަން.. އޭނާ ބޭނުންވީ އޭނާގެ ހިތް އަރްހާންއަށް ހަދިޔާ ކުރަން.. " ޝިވަން ބުނެލިއެވެ. އިޒްވާއަށް ލިބުނީ އަނެއް ސިހުމެވެ. އަރްހާންވެސް ދެބުމަ ގޮށްޖަހައިލިއެވެ.

"އަރްހާން... އަރްހާންގެ ފުރާނަ ސަލާމަތް ކޮށްދިން މީހަކީ ކައިސަން.. އަރްހާންގެ މޭގެ ތެރޭގައި ތިވަނީ ކައިސަންގެ ހިތް.. އެއީ އޭނާގެ ބޭބެއަށް އޭނާއަށް ކޮށްދެވުނު އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ވެސް ކަންތައް " ޝިވަން ބުނެލިއެވެ. ލިބުނު ސިހުމުގައި އަރްހާންއަށް ދެފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. ހިނދުކޮޅެއްގެ ތެރޭގައި އެތަކެއް ވިސްނުން ތަކެއް ސިކުނޑީގައި ބުރުޖަހަން ފަށައިފިއެވެ. އިޒްވާވެސް ހަމަ އެފަދައެވެ.

"އެންމެންގެ ކިބައިން އަހަރެން ނިހާޔަތަށް މާފަށް އެދެން.. އިތުރަށް ދެން އެހެންމީހުންނަށް އެއްވެސް އަނިޔާއެއް ދަތި އުނދަގޫކަމެއް ދޭން އަހަރެން ބޭނުމެއްނޫން. އަހަރެން މިދަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވާން.. ޚާއްސަކޮށް އިޒްވާގެ ކިބައިން އަހަރެން މާފަށް އެދެން.. އިޒްވާއަށް އަހަރެންނަށް ދެވުނު ގެއްލުމަކީ ދުވަހަކު ފޫބެއްދޭނެ ގެއްލުމެއް ނޫން.. އަހަރެންގެ އެދުމަކީ މާމައަށް މިއިން އެއްވެސް ކަމެއް ނޭނގުން.. އޭރުން މާމައަށް ބަރުދާސްތެއް ނުކުރެވޭނެ.. ދަނީ މަންމާ..! ދުރުގައި ހުއްޓަސް އަހަރެންނަށް އެނގޭ މަންމަގެ ހެޔޮ ދުއާ އަހަރެންނާއެކު ވާނެ ކަން.. ކޮންމެވެސް ދުވަހަކުން ބައްޕަގެ ހިތްވެސް އަހަރެންނަށް ހެޔޮވާނެ ކަމަށް އުއްމީދުކުރަން.." ރައިހާނާ ގައިގާ ބައްދާލުމަށްފަހު ޝިވަން އެތަނުން ދާން ހިނގައިގަތެވެ. އެމަންޒަރު ބަލަން ތިބި އެންމެންގެ ލޯތައްވެސް ވީ ކަރުނުން ފުރިފައެވެ. ވަކި ހިސާބަކަށް ގޮސްފައި ޝިވަން ހުއްޓި އެނބުރި ފަހަތް ބަލައިލިއެވެ.

"އަދި އެއްވާހަކަ.. އިޒްވާއާއި އަރްހާން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކަން އަހަރެންނަށް އެނގޭ.. އަރްހާންއަށް ވުރެ ރަނގަޅު ބައިވެރިޔަކު އިޒްވާއަކަށް ނުލިބޭނެ.. އަރްހާން އެއީ އިޒްވާއާ ގުޅެން އެންމެ ހައްޤުވާ މީހާ.. " ޝިވަން އެތަނުން ދިޔައީ ތަނުގައި ތިބި މީހުންނަށް އަނެއް ހައިރާންކަން ދީފައެވެ.

******************

ކޮޓަރިއަށް ވަންގޮތަށް އަރްހާން ނުނިކުމެގެން ރައިހާނާ ހުރީ އިންތިހާއަށް ކަންތައް ބޮޑުވެފައެވެ. ސޯފާގައި އަސްގަރު އިނީ ބަހެއްކިޔަން ނުކެރިފައެވެ. އޭނާ އިންތިޒާރު ކުރަމުން އެދަނީ ރައިހާނާއާއެކު އެކަނި ވެވޭނެ ވަގުތަކަށެވެ. އޭނާ ބޭނުންވާ ގޮތަށް މާފަށް އެދެވޭނީ އޭރުންނެވެ. އަލައިކާއާއި އީލާކް އަދި ކުދިންކޮޅު ގެއަށް ފޮނުވާލުމަށްފަހު އެތަނުގައި މަޑުކޮށްގެން ތިބީ ފާރިހާއާއި ކައިލް އެވެ. ޖަނާންވީ އިޒްވާއާއެކު ކޮޓަރީގައެވެ.


ނުނިމޭ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް