ރާއްޖޭގެ ޝަރުއީ ދާއިރާއިން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލިފަ: އަދުރޭ

ރާއްޖޭގެ ޝަރުއީ ދާއިރާއިން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. ...

04 Jun 2023 | 11:43

ރާއްޖޭގެ ޝަރުއީ ދާއިރާއިން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރިއަށް ރިޔާސީ ދައުރުގައި ވެރިކަމާއި ހަވާލުވުމަށްފަހު ޝަރުއީ ދާއިރާއަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ ތަނަކަށް ހަދައިދޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އާރަށް މައްސަލައިގައި ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުގައި ލަސްވާތީ އެކަމުގެ ކަންބޮޑުވުމާއިއެކު މިއަދު ހައިކޯޓަށް ވަޑައިގަތުމަށްފަހު މީޑިއާއާއި ވާހަކަ ދައްކަވަމުން  ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކަންކަން މިއަދު އޮތީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް ވަދެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ހިސާބެއްގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ނެގަހައްޓައި ފަނޑިޔާރުންނަށް ކުރިމަތިވެފައިވާ ބިރުވެރި ހާލަތުން މިނިވަން ކުރާނެ ކަމަށެވެ. އަދި ފަނޑިޔާރުންނަކީ މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ ބަޔަކަށް ހެދުމަށް އެޖާގަ މިސަރުކާރުން ނުދިން ނަމަވެސް މިވެރިކަމަށްފަހު އުފެދޭ ސަރުކާރުން އެޖާގަ ތަނަވަސް ކޮށްދޭނެކަމަށްވެސް އަދުރޭ ފާހަގަކުރެއްވިއެވެ.

"ޝަރުއީ ދާއިރާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މިނިވަން ތަނަކަށް ހަދާދޭނަން. ފަނޑިޔާރުންނަކީ މިނިވަން މުސްތަގިއްލު ބައެއް. ޤައުމުގެ މިއަދުގެ ހާލަތު އޮތް ގޮތުން ފަނޑިޔާރުންވެސް ތިބީ ބިރުވެދިކަމެއްގައި. އަޅުގަނޑު ދަންނަވާނީ ފަނޑިޔާރުންނަށްވެސް ތިޔަބޭފުޅުންގެ ނަޒާހަތްތެރިކަމާއި މިނިވަންކަން އަޅުގަނޑުމެން އަލުން ހޯދައިދޭނަމޭ."- އަދުރޭ ވިދާޅުވިއެވެ.

މިއަދު ރައީސް ޞާލިހު ހުންނެވީ ގިނި ކަންޏާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކާމިޔާބު ނުވާނެކަން ރައީސް ޞާލިހަށާއި، އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުންނަށް ކަށަވަރުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ހަމައެފަދައިން އަދުރޭ ވިދާޅުވީ ޤައުމުގެ މިއަދުގެ ހާލަތު އޮތްގޮތުން ރާއްޖޭގެ ހަމަޖެހުމާއި، އިޤްތިޞާދީ ހަމަޖެހުން ގެނެވޭނެ ހަމައެކަނި ވެރިއަކީ ރައީސް ޔާމީންކަމަށެވެ. ރައީސް ޔާމީނަށް މިސަރުކާރުން ދެމުންދާ ނުހައްގު އަނިޔާތަކާއި، ހުކުމްތަކަކީ އިންސާފު އަރާހަމަކުރާނެ ކަމެއްކަމަށް އޭނާ ފާހަގަކުރެއެވެ. އަދި ހައިކޯޓުން އެމަނިކުފާނު މިނިވަންވެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑު ތަނުން ކާމިޔާބު ކުރައްވައި ޤައުމު އަމާން ބަދަރަކަށް ގެންދަވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފެށުމަށް ހައިކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް