މާދަމާގެ ޖަލްސާއަށް ރިފްއަތުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. ބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތުގެ އ...

04 Jun 2023 | 09:09

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ސޮއިކުރެއްވުމަށްފަހުއެވެ. އަދި ބަންޑާރަ ނާއިބާއި ޚާރިޖީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ރާއްޖެއާއި، މޮރިޝަސްގެ ކަނޑުގެ މައްސަލާގައި އިހުމާލުވުން އޮތްކަމަށް ބުނެއެވެ.

އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައިވެސް މާދަމާގެ ޖަލްސާގައި އޮތީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. މިމައްސަލާގައި ރިއްފަތަށް މަޖިލީހުގައި ޖަވާބު ދާރީވާން 30 މިނިޓް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ. އެއީ ބަހުސް ފެށުމުގެ ގޮތުން 10 މިނިޓް މެދުތެރެއިން 10 މިނިޓް އަދި ނިންމުމަށް 10 މިނިޓެވެ. އެގޮތުން މި މައްސަލަ އެޖެންޑާކޮށްފައިވާއިރު، ރައީސް ޞާލިހު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުން ދަނީ ބައިވެރި ވަމުންނެވެ. ނަމަވެސް މާދަމާގެ ޖަލްސާއަށް މިބޭފުޅުން ވަޑައި ގަންނަވާނެކަމަށް ބެލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް، ޖަލްސާގައި ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް ރިއްފަތު މަޖިލީހަށް ވަޑައިނުގެން ލިޔުމުން ޖަވާބު ފޮނުވުމުން ޖަލްސާގައި އެމައްސަލަ ކުރިއަށް ނުގެންދެވުނުކަން ބުނެފައިވެއެވެ. ނަމަވެސް އެކަމާ މެދު މަޖިލީހުގައި ހިޔާލުތަފާތުވުން އުފެދުމުން އެކަން މަޑުޖައްސާލައްވައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނިންމެވީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށެވެ.

ލިޔުމުން ދިފާއު ޖަވާބުދާރީ ވެފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބިނާކޮށްފައިވާ މައިގަނޑު މައްސަލައަކީ އޭގައި ގިނަ ވާގިއާތަކެއް އަދި ގާނޫނީ ނުކުތާތަކެއް އެކުލެވޭ މައްސަލައެއް ކަމަށްވާތީ ކަމަށް ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ރިއްފަތު ވިދާޅުވިއެވެ. އަދި އެކަމުގައި އޭނާ އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންދާތީ އެކަން އެންމެ ތަފުސީލީ ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކަމަށްވެސް ސިޓީގައި ރިއްފަތު ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.

ބުދަ ދުވަހަށް ތާވަލް ކުރި ޖަލްސާގައި އޭނާއަށް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ރިއްފަތު ވިދާޅުވިއެވެ. އެގޮތުން އޭނާ ވަނީ އަނގަބަހުން އެމައްސަލާގައި ޖަވަބުދާރީވުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ވަޒީރުންނަށް އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވެފައިވާކަން ގާނޫނުއަސާސީގެ 101 ވަނަ މާއްދާ ބުނެފައިވެއެވެ.

މާދަމާ ބާއްވާ ޖަލްސާގައި ރިއްފަތު ބައިވެރިވެ ވަޑައިގެން މިމައްސަލާގައި ޖަވާބު ދާރީވާނެކަމަށް ބެލެވެއެވެ. މަޖިލިސް ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޤްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް