މިއަހަރު އެމްއެސްއެސްއިން އައްޑޫއަށް ދަތުތައް ފަށަނީ

މޯލްޑިވްސް ސްޓޭޓް ޝިޕިންއިން މިއަހަރުގެ މެދުތެރޭ އައްޑޫ ސިޓީއަށް ކޮންޓެއިނަރގެ ޚިދުމަތް ފަށާނެކަމަށް އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީއަށް މި ދަތުރުތައް ފެށ...

04 Jun 2023 | 08:16

މޯލްޑިވްސް ސްޓޭޓް ޝިޕިންއިން މިއަހަރުގެ މެދުތެރޭ އައްޑޫ ސިޓީއަށް ކޮންޓެއިނަރގެ ޚިދުމަތް ފަށާނެކަމަށް އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މި ދަތުރުތައް ފެށުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑުއަށް މުދާ ގެނެވޭނެކަމަށް އެމްއެސްއެސްއިން ބުނެއެވެ. އަދި މާލެއިން އައްޑުއަށް މުދާ އުފުލުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ލިބޭނެކަމަށްވެސް ބުނެއެވެ.

މި ދަތުރުތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވީ، މި ބޯޓަކީ އަތޮޅުތެރޭގެ ރަށްރަށައް ފަސޭހަކަމާއިއެކު މުދާ ފޯރުކޮށްދިނުމުގެ ގޮތުން ގެންނަ މަލްޓިޕާފަސް ބޯޓެއްކަމަށެވެ. އަދި މި ބޯޓުގެ ދަތުރުތައް އައްޑޫއަށް މިއަހަރުގެ މެދުތެރޭ ފެށިގެންދާނެކަންވެސް ފާހަގަކުރެވިފައިވެއެވެ.

"މިއަހަރުގެ މެދެއްހާ ހިސާބުގައި މި ބޯޓު އޮޕަރޭޝަނަށް ގެނެވި އައްޑޫ ސިޓީއަށް ޑައިރެކްޓް ކޮންޓެއިނަރ ސަރވިސްގެ ހިދުމަތް ދިނުމަށް މިދަނީ މަސައްކަތް ކުރަމުން. މި އޮޕަރޭޝަނާއިއެކު ކާޑު ފޯރުކޮށްދިނުމަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ. އަދި ކޮންސްޓްރަކްޝަން މެޓީރިއަލްފަދަ މުދަލުގެ ބާވަތްތައް ދެކުނުގެ އަތޮޅުތަކުގައި ރައްކާކުރެވި ކާޑާއި މިފަދަ މުދާ ލާމަރުކަޒު ކުރެވިގެންދާނެ" ޢަބްދުﷲ ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ބޯޓާއިއެކު ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ކޮންޓެނަރައިޒް ކޮށްގެން މަސް އެކްސްޕޯޓްވެސް ކުރާނެކަމަށެވެ. މީގެ އިތުރަށް މި ނިމުނު 2022 ވަނަ އަހަރަކީ އެމްއެސްއެސްއަށް ވަރަށް ކާމިޔާބު އަހަރެއްކަމަށާއި ކުންފުނި އުފެދުނުތާ 3 އަހަރުގެ ތެރޭގައި އެ ކުންފުނި ވަނީ ކާމިޔާބު ކުންފުންޏަކަށް ބަދަލުވެފައިކަމަށްވެސް ވިދާޅުވެފަވެއެވެ.

"ކުންފުނިން 2 ބޯޓެއް ގަނެ ވަނީ އޮޕަރޭޝަންގައި ބޭނުންކުރަން ފެށިފައި. އަދި ޖުމްލަ 3 ބޯޓު ކުންފުނީގައި މިހާރު ބޭނުންކުރެވެމުންދޭ. ބަލްކް ކެރިއަރ އެމްއެސްއެމް ކްރޮމްއިން ޔޫއެސްއޭއާއި މާލެއާއި ދެމެދު ދަތުރުތައް ފަށާފައިވާއިރު، ކޮންޓެއިނަރ ބޯޓު އެމްއެސްއެސް ގްރެފިންއިން ވަނީ ކޮލަންބޯ އަދި މާލެއަށް ދަތުރުތައް ފަށާފައި" ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސްއިން 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުވެސް ވަނީ އިންޑިއާގެ ޓުޓްކޮރިންއިން އައްޑޫ ސިޓީއަށް ދަތުރު ކޮށްފައެވެ. ނަމަވެސް އެ ސަރަޙައްދުގައި ބޭނުންކުރަމުން ދިޔަ ބޯޓާއި އެކަށީގެންވާ ވަރަށް މުދާ ނުލިބުމާއި ގުޅިގެން މިދިޔަ އަހަރުގެ މާރޗު މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ މި ދަތުރުތައް ހުއްޓާލައިފައެވެ.

އެ ކުންފުނިން އައްޑޫއަށް ފަށަން ތައްޔާރުވަމުން އަންނަ ދަތުރުތަކުގައި ބޭނުންކުރާނީ އެ ސަރަޙައްދުގައި އޮޕަރޭޓްކުރުމަށް އެންމެ އެކަށީގެންވާ ސައިޒުގެ ބޯޓެއްކަމަށް އެމްއެސްއެސްއިން ބުނެފައިވެއެވެ. އަދި މިފަހަރު ދަތުރު ފެށުމުގެ ކުރިން އެ ކުންފުނިން މިހާރު ހިސާބުޖަހާފައިވާ ކަމަށް ބުނެއެވެ. އަދި މިފަހަރު ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮޖެކްޓް ކުރިއަށްދާނެކަމުގެ އުންމީދު ބޮޑުކަމަށްވެސް ބުނެވިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް