އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު 10 މާޝްރޫއު ހިންގަން އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫޢެއް ހިންގުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރާއި ދެމެދު ސޮއި ކޮށްފި އެވެ. މި މަޝްރޫޢުތަކަކީ އިންޑިއާ ސަރުކާރުން ހިންގާ ހައި...

04 Jun 2023 | 08:12

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫޢެއް ހިންގުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރާއި ދެމެދު ސޮއި ކޮށްފި އެވެ.

މި މަޝްރޫޢުތަކަކީ އިންޑިއާ ސަރުކާރުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެކެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ދެ ސަރުކާރު ދެމެދު ސޮއިކުރައްވާފައިވަނީ އެކަމަށްޓަކާ ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއަރޒް ވީ.މުރަވީދަރަންއާއި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާއިން އަބަދުވެސް ހިއްސާކުރަނީ ވަރަށް ތާރީޚީ ޚާއްސަ ގާތްގުޅުމެއް ކަމަށާއި، މި ސަރުކާރު އައިފަހުން މި ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާކަމަށް މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ. އަދި  ހަމައެފަދައިން ދެ ޤައުމުގެ ދެމެދު މިހާތަނަށް ކުރެވުނު މަތީ ފަންތީގެ ދަތުރުފުޅުތަކުންވެސް މިކަމަށް ހެކިދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވާހަކަދެއްކުމުގައި މިނިސްޓަރ ވިދާޅުވީ އިންޑިއާއަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ކުރިއެރުމުގައި މުހިއްމު ބައިވެރިއެއްކަން ފާހަގަކޮށް ކޯވިޑް-19ގެ އާލަމީ ވަބާއިން ރާއްޖެ ސަލާމަތްވެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރި މަސައްކަތުގައި ރާއްޖެއަށް ވެކްސިނާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ވެދެއްވި އަވަސް ދީލަތި އެހީތެރިކަން މުހިއްމު ދައުރެއް އަދާކުރިކަމަށްށެވެ.

ދިވެހީންނަށް އިންޑިއާއަށް ބަރޯސާވެވިދާނެކަން އަބަދުވެސް އެ ޤައުމުން ސާބިތުކޮށްދެމުންދާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި މިއަދު އަލަށް މި ސޮއިކުރެވުނު މަޝްރޫޢުތަކާއެކު އަތޮޅުތަކުގެ އިޖްތިމާޢީ ޙާލަތު ބަދަލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އިތުރު ބާރަކަށްވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖެ ތަރައްޤީގެ މަގުގައި ކުރާ ދަތުރުގައި މުހިއްމު ބައިވެރިއަކަށްވެވޭކަމީ އިންޑިއާއިން ފަޚުރުވެރިކަމާއެކު އަބަދުވެސް ފާހަގަކުރާކަމެއްކަމަށް އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއަރޒް ވީ.މުރަވީދަރަން ވިދާޅުވިއެވެ. އަދި އިންޑިއާއިން ފޯރުކޮށްދޭ ލޯނާއި ހިލޭ އެހީއާއި ބަޖެޓްރީ ސަޕޯޓުގެ ތެރެއިން ހިންގާ ތަފާތު މަޝްރޫޢުތަކުގައި ޢަމަލީ ސިފަޖެހި، އެކަންކަމުގެ މަންފާ މުޖުތަމަޢުއަށް ލިބިގެންދާތީ އުފާކުރައްވާކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގުމަށް މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި އާޓް ސެންޓަރެއް ޤާއިމުކުރުމާއި، ޅ. ހިންނަވަރު ކައުންސިލްގެ އައު އިދާރީ އޮފީސް ތަރައްޤީކުރުމާއި، ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ހިންގުން ހިމެނެއެވެ. އަދި ނ. ކެނދިކުޅުދޫ، ލ. ގަން، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގެ 4 ސްކޫލަކަށް ސްކޫލް ބަސް ފޯރުކޮށްދިނުމާއި، ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ޔުނިޓެއް ޤާއިމުކުރުމާއި، ށ. މިލަންދޫގައި ދުވާ ޓްރެކެއް ތަރައްޤީކުރުންވެސް ހިމެނެއެވެ. އަދި ހަމައެހެންމެ އައްޑޫ ސިޓީ ހިތަދޫ 2 ސަރަޙައްދަކާއި ގދ. ވާދޫ އަދި ހއ. ދިއްދޫގައި އައުޓް-ޑޯ ޖިމް ޤާއިމުކުރުންވެސް މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެއެވެ. މި ހުރިހާ މަޝްރޫޢުތަކަކީވެސް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތެރެއިން އިންޑިއާ ސަރުކާރުން އިތުރުކޮށްދެއްވި 100 މިލިއަން ރުފިޔާގެ ގްރާންޓުގެ ތެރެއިން ހިންގާ މަޝްރޫޢުތަކެކެވެ.

މި ރަސްމިއްޔާތުގައި މި 10 މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް އެންޓި ޓީބީ މެޑިސިންވެސް ވަނީ ހަދިޔާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް