މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓު ދާނީ ދަށްވަމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.
އެމްއެމްއޭއިން މިކަން ހާމަކޮށްފައި ވަނީ އެ އިދާރާއިން ނެރޭ ކުއަޓާލީ ރިޕޯޓުގައެވެ.
އެމްއެމްއޭއިން ހާމަކުރާ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން އަހަރު ނިމޭ އިރު ހުންނާނީ 3.3 ޕަސެންޓުގަ އެވެ.
އަދި މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާ އަށް ވުރެ 0.6 ޕަަސެންޓު ދަށް އަދަދެއް ކަމަށް އެމްއެމްއޭ އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.
ހަމައެހެންމެ މިދިޔަ އަހަރު ފަހުކޮޅު އެމްއެމްއޭ އިން ލަފާކޮށްފައި ވަނީ މި އަހަރު ނިމޭ އިރު ރާއްޖޭގެ އިންފްލޭޝަން 5.4 ޕަސެންޓުގައި ހުންނާނެ ކަމަށެވެ. އެހެންކަމުން މިއީ 2.1 ޕަސެންޓުގެ ދަށްވުމެކެވެ.
އަހަރުގެ ފުރަތަމަ ކުއާޓާގައި އިންފްލޭޝަން 3.9 ޕަސެންޓް ހުރި ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެ، އޭގެ ސަބަބުން، އެހެން ތަކެތީގެ އަގުތައް ދަށަށް ދިއުމުގެ ސަބަބުން ބާކީ ހުރި ކުއާޓާތަކުގެ އިންފްލޭޝަން އަންނާނީ ދަށްވަމުން ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.
މީގެ އިތުރުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތަކެތީގެ އުފުލުނީ ދަތުރުފަތުރުގެ އަގާއި ރެސްޓޯރެންޓްތަކުގެ އަގުތަކާއި ކުލީގެ އަގުތައް އުފުލުމާއެކު ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރުމުން ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް