އައްޑޫއަށް މި ސަރުކާރުން ގެންނަމުންދާ ތަރައްގީ ފާހަގަ ކުރަން މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ ހަވާ އަރުވަން ނިންމާފައިވަނީ އައްޑޫ ސިޓީ ކައުންސިލުން ކަމަށެވެ. މި ހަރަކާތް އޮންނާނީ މިރޭ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ސްކޮޔާގައި އެވެ.
ހަވާ އަރުވަނީ އެ ސިޓީއަށް މިހާރު ލިބެމުންދާ ތަރައްގީ ފާހަގަކޮށް، އުފާ ފާޅުކުރުމުގެ ގޮތުންނެވެ.
ހަވާ އަރުވަން ނިންމާފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ސިޓީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވަނިކޮށެވެ.
މި ދަތުރުފުޅުގައި ރައީސް އިއްޔެ ވަނީ އައްޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވައިފަ އެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު ވެސް، ރައީސްގެ މި ދަތުރުފުޅުގައި ރަސްމީކޮށް މިއަދު ފައްޓަވައިދެއްވާނެ އެވެ.
އައްޑޫގެ ތަރައްގީއަށް ހިންގާ އެހެން މަޝްރޫއުތައް ބައްލަވާލައްވައި، ރައްޔިތުންނާ ވެސް ރައީސް ބައްދަލުކުރައްވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް