ދުނިޔޭގެ ނޫސްވެރިންގެ ކޮންގްރެސްގައި އެމްޖޭއޭއިން ބައިވެރިވެ އަޑުއުފުލައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާފައިވާ ނޫސްވެރިންގެ ޖަމްއިއްޔާތައް ތަމްސީލްކުރާ ބައިނަލްއަގުވާމީ އެންމެ ބޮޑު ޖަމްއިއްޔާ، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ ކޮންގްރެސް 20...

04 Jun 2022 | 17:19

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާފައިވާ ނޫސްވެރިންގެ ޖަމްއިއްޔާތައް ތަމްސީލްކުރާ ބައިނަލްއަގުވާމީ އެންމެ ބޮޑު ޖަމްއިއްޔާ، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ ކޮންގްރެސް 2022 ގައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބައިވެރިވެ ނޫސްވެރިންއަށް ކުރިމަތިވެފައިވާ މައްސަލަތަކާ މެދު އަޑުއުފުލައިފި އެވެ.

އޮމާންގެ ވެރިރަށް މަސްކަޓުގައި މިދިޔަ މަހުގެ 31ން އިއްޔެގެ ނިޔަލަށް ބޭއްވި އައިއެފްޖޭ ކޮންގެރެސްގައި އެމްޖޭއޭގެ ފަރާތުން ބައިވެރިވީ މި ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރު މުހައްމަދު ޖުނައިދު އެވެ.

އެ ކޮންގްރެސްގައި އެމްޖޭއޭގެ ފަރާތުން ވަނީ ރާއްޖޭގެ ނޫސްވެރިންނަށް މިހާރު ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުގެ މައުލޫމާތު ހިއްސާކޮށް އެކަންކަން ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ. މީގެ އިތުރަށް އެމްޖޭއޭއިން ކުރަމުން އަންނަ މަސައްކަތްތަކާއި ކުރަން ރާވާފައިވާ ކަންކަން އަދި އެމްޖޭއޭގެ ހަރަކާތްތަކާއި އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވަނީ އެކި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން އެ ކޮންގްރެސްގެ ތެރޭގައި އެމްޖޭއޭއިން ވަނީ އައިއެފްޖޭގެ ދާއިމީ މެންބަރަކަށް ވުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ. އަދި އެމްޖޭއޭ ހިމެނޭ ގޮތުން އޭޝިޔާ އާއި އޭޝިޔާ ޕެސިފިކް ގައުމުތަކުގެ ނޫސްވެރިން ތަމްސީލް ކުރާ ޖަމްއިއްޔާތައް އެކުވެގެން ވަނީ "ފެޑެރޭޝަން އޮފް އޭޝިޔާ ޕެސިފިކް ޖާނަލިސްޓްސް" ޔޫނިއަން އުފައްދައިފަ އެވެ. އެ ޔޫނިއަންގެ ރައީސްއަކަށް ހޮވިފައި ވަނީ އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ، ސަބީނާ އިންދަޖީތް އެވެ.

ނޫސްވެރިންގެ ހައްގުތަކާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އައިއެފްޖޭގެ ދާއިމީ މެންބަރު ޖަމްއިއްޔާތަކުން، އެ ކޮންގްރެސްއަށް ހުށަހެޅި ގަރާރުތަކަށް ރާއްޖެއިން ވަނީ ތާއީދުކޮށް ވާހަކަ ދައްކައިފަ އެވެ. ހާއްސަގޮތެއްގައި ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ތަހުގީގުކޮށް ދިނުމަށް އެދި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް، ޕަލަސްތީނިއަން ޖާނަލިސްޓް ސިންޑިކޭޓް (ޕީއެސްއައި) އާއި އައިއެފްޖޭ އަދި އައިސީޖޭޕީ އިން ހުށަހަޅާ މައްސަލައަށް އެމްޖޭއޭއިން ތާއީދުކޮށް ވަނީ ވާހަކަ ދައްކައިފަ އެވެ.

އެ ކޮންގްރެސްގައި ބޭއްވި އައިއެފްޖޭގެ ހިންގާ ކޮމިޓީގެ އިންތިހާބުގައި އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީއަށް އަލަށް އިންތިހާބުވި ފަރާތްތަކާ ރަސްމީކޮށް ބައްދަލުކޮށް އެމްޖޭއޭއިން ވަނީ މަރުހަބާ ކިޔައި، ނޫސްވެރިންގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އެގޮތުން އެމްޖޭއޭއިން ބައްދަލުކުރި ފަރާތްތަކަކީ:

  • ޑޮމިނިކް ޕްރެޑްލީ – އައިއެފްޖޭގެ އާ ރައީސް
  • ޒުލިއާނާ ލައިނޭޒް – އައިއެފްޖޭގެ ސީނިއާ ވައިސް ޕްރެޒިޑެންޓް
  • ނަސީރު އަބޫބަކުރު – ޕަލަސްތީނިއަން ޖާނަލިސްޓް ސިންޑިކޭޓްގެ ޗެއާމަން އަދި އައިއެފްޖޭގެ ނައިބު ރައީސްއެއް
  • ސަބީނާ އިންދަޖީތް – އަލަށް އުފެއްދި ފެޑެރޭޝަން އޮފް އޭޝިޔާ ޕެސިފިކް ޖާނަލިސްޓްސްގެ ރައީސް އަދި އައިއެފްޖޭގެ ނައިބު ރައީސްއެއް

އައިއެފްޖޭ ކޮންގްރެސް 2022 ގައި ވަނީ 99 ގައުމަކުން 200 އަށް ވުރެ ގިނަ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތައް ބައިވެރިވެފައި އެވެ. 1926 ވަނަ އަހަރު އުފެއްދި އައިއެފްޖޭއަކީ 140 ގައުމަކަށް ނިސްބަތްވާ 187 ނޫސްވެރިންގެ ޔޫނިއަންތަކާއި ޖަމްއިއްޔާ، ޖަމާއަތްތައް ތަމްސީލް ކުރާ ފެޑެރޭޝަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް