ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ނައިބު ރައީސްގެ މި ދަތުރުފުޅަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އެގޮތުން އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ބައިސްކަލު ދުވަހުގެ ހަރަކާތެއްގެ ގޮތުން އެ ސިޓީގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "ނޯ ވެހިކަލް އަވާ" ބައިސްކަލު ބުރުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސިޓީގައި ބާއްވާ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ނައިބް ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ ޓޭބަލް ޓެނިސް ހޯލުގެ އިމާރާތް ހުޅުވައިދެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގެ ވަގުތެއްގަ އެވެ.
ނައިބު ރައީސް މަގާމާއި ހަވާލުވަޑައިގެންނެވިފަހުން އެންމެ ގިނަ ދަތުރު ކުރައްވާފައިވަނީ އުފަން ރަށް ކަމަށްވާ ފުވައްމުލަކު ސިޓީ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް