މާތްވެގެންވާ ހައްޖުގެ އަޅުކަމަށް ހައްޖާޖީން ސައުދީ އަރަބިއްޔާއަށް ދާން ފަށައިފި އެވެ.
ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނީ ހައްޖުގެ އަޅުކަމަށް މިއަހަރު އެންމެ ފުރަތަމަ ދިޔައީ އިންޑޮނީޝިއާގެ ހައްޖުވެރިންގެ ގްރޫޕެކެވެ. އެމީހުންނަށް އެ މިނިސްޓްރީ ވަނީ މަދީނާގައި ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އާންމުކޮށް ހުޅުވާލައިގެން ގައުމުތަކުން މީހުން ހައްޖަށް ދިއުމުގެ ފުުރުސަތު ހުޅުވާލާފައި މިވަނީ ދެ އަހަރުގެ މެދުކަނޑުމަކަށް ފަހު އެވެ. ކޯވިޑް-19 އާއި ގުޅިގެން މިދިޔަ ދެ އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ ސައުދީގައި ދިރިއުޅޭ މީހުންނެވެ.
މިއަދު ދިޔަ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް މަރުހަބާ ކިޔުމަށް ސައުދީ ހައްޖު މިނިސްޓްރީން ވަނީ ހާއްސަ ހަރަކާތްތަކެއް އެއާޕޯޓުގައި ބާއްވާފަ އެވެ. އެ މިނިސްޓްރީން ބުނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެހެން ގައުމުތަކުންދާ ހައްޖާޖީންނާއި ބައްދަލުވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
މިއަހަރު އެންމެ ގިނަ ހައްޖުވެރިން ދާނީ އިންޑޮނީޝިއާއިންނެވެ. އެ ގައުމަށް 100،051 ކޯޓާ ދޫކޮށްފައިވާއިރު ޕާކިސްތާނަށް 81،132 ކޯޓާ ދޫކޮށްފައިވެ އެވެ. އިންޑިއާއަށް ދޫކޮށްފައިވަނީ 79،237 ކޯޓާ އެވެ.
https://twitter.com/hsharifain/status/1532993164692398080
މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ހައްޖުވެރިން އެގައުމަށް ދާނެ އެވެ. އެހެން ގައުމުތަކަށް ބަލާއިރު ދެން އެންމެ ފުރަތަމަ ދާނީ ޕާކިސްތާނާއި އިންޑިއާގެ އިތުރުން ނައިޖީރިއާގެ ހައްޖުވެރިން ކަމަށް ސައުދީ ހައްޖު މިނިސްޓްރީން މައުލޫމާތުދެ އެވެ.
ދިވެހި ހައްޖުވެރިން ސައުދީއަށް ދާން ފުރަން ފަށާނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
މިއަހަރު އެއް މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ލިބޭނެ އެވެ.
މި އަހަރު ހައްޖަށް ދެވެނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ 65 އަހަރުން ދަށުގެ މީހުންނަށް އެކަންޏެވެ. އަދި ބޭރު ގައުމުތަކުން ހައްޖަށް ދާ މީހުން ނެގެޓިވް ޕީސީއާރު ޓެސްޓެއް ވެސް ހުށަހަޅަން ޖެހެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ ޖުލައި ހަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް