އެމެރިކއިން ފައިޒާ ވެކްސިންގެ އިތުރު 100،620 ޑޯޒު ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.
މި ވެކްސިން ހަދިޔާކޮށްފައިވަނީ "ކޮވެކްސް" ފެސިލިޓީ މެދުވެރިކޮށް ކަމަށެވެ. ކޮވެކްސް އަކީ ކޯވިޑް-19އާ ގުޅިގެން ވެކްސިން، ދުނިޔެއަށް ފޯރުކޮށްދޭ ގާއިމުކޮށްފައިވާ ފެސިލިޓީއެކެވެ.
ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ މިޝަންއިން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ހަދިޔާކުރުމުގެ އިތުރުން އެމެރިކާ ސަރުކާރުގެ އެހީ ދޭ އިދާރާ ކަމަށްވާ ޔޫއެސްއެއިޑް މެދުވެރިކޮށް އެކި ސިއްހީ ކަންކަމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި، ވެކްސިނުގެ މުހިންމުކަމާއި، ވެކްސިން ޖެހުމާއި ގުޅޭ ގޮތުން އާންމުންނަށް އެކި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އަތޮޅުތެރެއަށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްރީން ކުުރުން ހިމެނޭ ކަމަށް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"އަޅުގަނޑުމެން މި އަންނަނީ އެމެރިކާ ސައިންޓިސްޓުންނާއި އުފެއްދުންތެރިކަމުގެ ހުށިޔާރުކަމާއި އަޅުގަނޑުމެންގެ ލޮޖިސްޓިކްސް އަދި ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޝަންތައް ހިންގުމުގެ ތަޖުރިބާ ބޭނުންކޮށްގެން، މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީވަމުން،" ރާއްޖެއަށް އެމެރިކާ އިން ކަނޑައަޅާފައިވާ މިޝަންގެ ޝާޖޭ ޑި އެފެއާޒް އެންޑްރިއާ އެޕެލް ވިދާޅުވިއެވެ.
އެމެރިކާއިން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައިވެސް ރާއްޖެއަށް 439،920 ޑޯޒް ވެކްސިން ހަދިޔާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް