ތުރުކީގެ ނަން ރަސްމީކޮށް "ތުރުކިއޭ" އަށް ބަދަލުކޮށްފި އެވެ.
ތުރުކީގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގެ ނަމަށް ގެނައި ބަދަލު އދ. ން ބަލައިގަނެ، ރަސްމީކޮށް އެއީ "ތުރުކިއޭ" ގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ނަމަށް ގެނައި ބަދަލުން އެ ގައުމުގެ އަމިއްލަ ވަންތަކަމަށް ބުރަދަނެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
އެ ގައުމުން ބުނީ ނަމަށް ބަދަލު ގެންނަން ނިންމި މައިގަނޑު ސަބަބަކީ އިނގިރޭސި ބަހުން ތުރުކީގެ ނަމުގެ ގޮތުގައި ބޭނުން ކުރާ "ޓާރކީ" ދޫންޏަކަށް ކިޔާތީ އެވެ. އެ ދޫންޏަކީ އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ދޫންޏެކެވެ.
ނަމަށް ގެނައި ބަދަލާއި ގުޅިގެން ތުރުކިއޭގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވިދާޅުވީ އެއީ އުފާވެރި ބަދަލެއް ކަމަށެވެ. އެ ބަދަލުގެ ސަބަބުން އާދަ ކާދައާއި ސަގާފަތް ދިރުވާ އާލާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އދ. ން މިދިޔަ ބުރާސްފަތި ދުވަހު ތުރުކިއޭގެ ނަން ރަސްމީކޮށް ބަލައިގެންއިރު މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ތުރުކީގެ އެތެރޭގައި ބޭނުން ކުރަމުންދަނީ އެނަމެވެ.
މި ބަދަލާއި ގުޅޭގޮތުން އާންމުން ބުނެފައިވަނީ ތުރުކިއޭ އާންމުވާން އަހަރުތަކެއް ނަގާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް