ބީޖޭޕީގެ ވެރިއަކު ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގަ އިންޑިއާގެ މަޝްރަހު ހޫނުވަނީ!

އިންޑިއާގެ ވެރިރަކަން ކުރާ ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނޫޕޫރް ޝަރްމާ ޓިވީ ޝޯއެއްގައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَއަށް ފުރައްސާރަ ކުރި މައްސަލައިގަ އިންޑިއާގެ މަޝްރަހު ހޫނު ވަ...

04 Jun 2022 | 04:56

އިންޑިއާގެ ވެރިރަކަން ކުރާ ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނޫޕޫރް ޝަރްމާ ޓިވީ ޝޯއެއްގައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَއަށް ފުރައްސާރަ ކުރި މައްސަލައިގަ އިންޑިއާގެ މަޝްރަހު ހޫނު ވަމުން އެބަދެ އެވެ.

މީގެ ހަފްތާއެއް ކުރިން ޓީވީ ޝޯއެއްގައި ނޫޕޫރު ބުނީ މުސްލިމުން، ހިންދޫން އަޅުކަން ކުރާ ކަލާނގެ ތަކަކީ، ހަރު ހިލަތަކެއް ކަމަށްބުނެ ޖޯކު ޖަހަމުންދާ ކަމަށެވެ. އޭނާ ބުނީ ހަމަ އެގޮތަށް މުސްލިމުންގެ ރަސޫލާގެ ހަދީސްތަކަކީ ހަގީގަތެއް ނޫން ކަމަށާއި ޤުރުއާނުގައި ވަނީ ދޮގު ކަމަށްވެސް ބުނެވިދާނެ ކަމަށެވެ.

އެ ޝޯގައި އޭނާ، ކީރިތި ރަސޫލާއި ގުޅޭގޮތުން އިތުރު ދޮގު ވާހަކަތަކެއް ދެއްކި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިވާހަކަތައް އޭނާ ދެއްކީ މުމްބާއީގައި ހުރެގެންނެވެ.

އެހެންވެ ނޫޕޫރާއި ދެކޮޅަށް ދެކުނު މުމްބާއީގެ ހޮޓެލް ވިޔަފާރީގައި އުޅޭ އިރުފާން އަބޫބަކުރު ޝެއިހް ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފަ އެވެ. މި މައްސަލައިގަ ނޫޕޫރުގެ ބަޔާން ނަގާފައިވާއިރު ފުލުހުން ވަނީ ނަފުރަތު އުފެއްދުމާއި ދީންތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ނޫޕޫރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

މިހާރު ހަފްތާއެއް ވެފައިވާ މި މައްސަލައިގަ ނޫޕޫރާއި ދެކޮޅަށް ފިޔަވަޅެއް އެޅިފައި ނުވާތީ އިންޑިއާގެ އެކި ސްޓޭޓްތަކުގެ މުސްލިމުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އަދި ބައެއް ސަރަހައްދުތަކުގައި މުޒާހަރާ ކުރަން ވަނީ ފަށާފައި އެވެ.

އެގޮތުން އުއްތަރް ޕްރަދޭޝްގެ ކާންޕޫރުގައި އިއްޔެ ހުކުރު ނަމާދަށް ފަހު ހިންދޫންގެ ފިހާރަތެއް ބަންދު ކުރުމަށް ގޮވާލާ މުސްލިމުން މުޒާހަރާ ފެށީ ނޫޕޫރުގެ ވާހަކަތަކާއި ގުޅިގެންނެވެ. އެ މުޒާހަރާގައި 18 މީހަކު ހައްޔަރުކޮށް ތިން މީހެއްގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިއީ ނޫޕޫރު އިސްލާމް ދީނަށް ފުރައްސާރަ ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އޭނާ އެފަދަ ވާހަކަތަކެއް ދައްކާފައިވާއިރު އެ މައްސަލަ ސީރިއަސްކޮށް ބީޖޭޕީ ސަރުކާރުން ނުނަގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް