ޕްރިންސް ފިލިޕް އަވަހާރަވި ފަހުން ރާނީ އެލިޒެބެތުގެ ފުރަތަމަ ރަސްމީ ބައްދަލުވުން އެމެރިކާގެ ރައީސް ބައިޑެންއާއެކު

އިނގިރޭސިވިލާތުގައި މި މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖީ 7 ސަމިޓަށްފަހު، އިނގިރޭސިވިލާތުގެ ރާނީ އެލިޒެބެތު އެކަމަނާގެ ވިންޑސަރ ގަނޑުވަރުގައި، އެމެރިކާގެ ރައީސް ޖޯވް ބައިޑެންއާއި ބައްދަލު ކު...

04 Jun 2021 | 17:14

އިނގިރޭސިވިލާތުގައި މި މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖީ 7 ސަމިޓަށްފަހު، އިނގިރޭސިވިލާތުގެ ރާނީ އެލިޒެބެތު އެކަމަނާގެ ވިންޑސަރ ގަނޑުވަރުގައި، އެމެރިކާގެ ރައީސް ޖޯވް ބައިޑެންއާއި ބައްދަލު ކުރަން ނިންމަވާފައި ވާކަން ބަކިންގހަމް ޕެލެސްއިން ކަށަވަރު ކޮށްދީފިއެވެ.

މި ބައްދަލުވުން މި މަހުގެ 13 ވަނަ ދުވަހަށް ތާވަލު ކޮށްފައި ވާއިރު، މި ބައްދަލުވުމުގައި ރައީސް ބައިޑެންގެ އަނބިކަބަލުން ޖިލް ބައިޑެންވެސް ބައިވެރި ވަޑައިގަންނަވާނެއެވެ.ޖޯވް ބައިޑެން ވެވަޑައިގަންނަވާނީ ރާނީ އެލިޒިބެތު މިހާތަނަށް ބައްދަލު ކުރައްވާ އެމެރިކާގެ 13 ވަނަ ރައީސަށެެވެ. އަދި މިއީ، މިދިޔަ އޭޕްރިލް މަހު، ފިރިކަލުން ޕްރިންސް ފިލިޕްސް އަވަހާރަ ވުމަށް ފަހު، ރާނީ އެލިޒެބެތު މިފަދަ ރަސްމީ ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިއަހަރުގެ ގީ7 ސަމިޓު ކުރިއަށް ދަނީ އިނގިރޭސިވިލާތުގެ ކޯރންވެލްގައެވެ. އަދި މި ސަމިޓަކީ އެމެރިކާގެ ރައީސްކަމާއި ހަވާލު ވެވަޑައި ގަތުމަށްފަހު، ބައިޑެން ބައިނަލްއަޤްވާމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. ހަމަ މިއާއިއެކު، މިހަައަހަރުގެ ޖީ7 ސަމިޓަކީ، ކޮވިޑު19 ގެ ޕެންޑެމިކް އައުމަށް ފަހު، އާންމު ހާލަތުގައި ބާއްވާ ފަދަ އުސޫލަކުން އެންމެން އެއްތަނެއްގައި ތިބެގެން ބާއްވާ ފުރަތަމަ ޑިޕްލޮމެޓިކް ހަފްލާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ރާނީ އެލެޒިބަތާއި ރައީސް ބައިޑެންގެ މި ބައްދަލުވުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ބަކިންގހަމް ޕެލެސްއިން ހާމަ ކޮށްފައެއް ނުވެއެވެ.އެހެން ކަމުން، ގިނަ ބަޔަކު ވަނީ މި ބައްދަލުވުމުގައި ދެކެވިގެންދާނެ ވާހަކަތައް އެނގުމަށްޓަކައި ކެތް މަދުވެފައެވެ.

ކޯވިޑު ޕެންޑެމިކް ތެރޭގައި އިނގިރޭސިވިލާތުގެ ރާނީ އެލިޒެބެތު ގިނަ ވަގުތު ހޭދަ ކުރައްވާފައި ވަނީ ވިންޑސަރ ގަނޑުވަރުގައެވެ.މި ގަނޑުވަރަކީ، މުޅި ދުނިޔޭގައިވެސް ދިރިއުޅެން  ބޭނުން ކުރާ އެންމެ ދުވަސްވީ ގަނޑުވަރެވެ. ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ، ރާނީ އެލެޒިބެތުގެ މާމަދަރިކަލުން، ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގެން މާރކަލްގެ ކައިވެނީގެ ހަފްލާވެސް 2018 ވަނަ އަހަރު ބާއްވާފައި ވަނީ މި ގަނޑުވަރުގައެެވެ.

ހަމަ އެހަރު، ރާނީ އެލިޒެބެތު ވަނީ އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕާއިއެކުވެސް މި ގަނޑުވަރުގައި ބައްދަލު ކުރައްވާފައެވެ. އަދި 2016 ވަަނަ އަހަރު، އުމުރުން 90 އަހަރުފުޅުގައި، ރާނީ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއިއެކުވެސް މި ގަނޑުވަރުގައި ބައްދަލުވުމެއް ކުރިއަށް ގެންދަވާފައެވެ.

މިއަހަރު ކުރިއަށް ގެންދަނީ ޖީ7 ގެ ޤައުމުތަކުގެ 47 ވަނަ ސަމިޓެވެ.މި ސަމިޓު ކުރިއަށް ދާނީ މި ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށެވެ.މި ބައްދަލުވުންތަކުގައި، ގީ7 ގެ ޤައުމުތަކުގެ ވެރިންގެ އިތުރުން ވިލާތުގެ އިއްތިޙާދުގެ މަންދޫބުންވެސް ބައިވެރި ވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.މީގެ ތެރޭގައި، ދުނިޔޭގެ އިޤްތިޞާދީ ބާރުތައް ކަމަށްވާ އެމެރިކާއާއި، ކެނެޑާ، ފަރަންސޭސިވިލާތުގެ އިތުރުން ޖަރުމަންވިލާއި، އިޓަލީ އަދި ޖަޕާންވެސް ހިމެނެއެވެ.

ޖީ7 އަކީ ދުނިޔޭގެ އިޤްތިޞާދީ ބާރުތަކުގެ ގޮތުގައި ބެލެވޭ 7 ޤައުމުގެ މައްޗަށް އެކުލެވޭ ޖައްމިޔާއެކެވެ. ދުނިޔެއަށް ދިމާވެފައިވާ ކޮވިޑު 19 ގެ އާލަމީ ވަބާއާއި ގުޅިގެން، މި ޤައުމުތަކުގެ އިޤްތިޞާދަށްވެސް ވަނީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތި ލާން ޖެހިފައެވެ.އެހެން ކަމުން، މި ފަހަރުގެ ސަމިޓުގައި، އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް