އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކުރި ސިއްހީ އެހީގެ ތަކެތި ރާއްޖެއަށް ގެނެސްފި އެވެ.
ސްރީލަންކާގައި އެމެރިކާ އެމްބަސީން ބުނީ ރާއްޖެއަށް ހަދިޔާ ކުރީ 124،671 ޑޮލަރުގެ ސިއްހީ އާލާތްތައް ކަމަށެވެ. މި ތަކެތި ރާއްޖެއަށް ފޮނުވާކަން އެމްބަސީން ހާމަ ކުރީ އިއްޔެގެ ވަގުތެއްގައި އެވެ.
އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކުރި ތަކަތީގެ ތެރޭގައި އޮކްސިޖަން ހުރި މިންވަރު އަންގައިދޭ 600 އޮކްސިމީޓަރާއި، ޑައިގްނޮސްޓިކް ޓޫލްސް އަދި ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ޕީޕީއީ ކިޓު ހިމެނެ އެވެ. ޕީޕީއީ ކިޓުގެ ތެރޭގައި 32،000 މާސްކު، 4،000 ގޮގުލްސް، 256،000 އަންގި ހިމެނެ އެވެ.
ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ޔޫއެސްއޭއައިޑީ މެދުވެރިކޮށް އެމެރިކާއިން ވަނީ މިހާތަނަށް 2.75 މިލިއަން ޑޮލަރުގެ އެހީ އާއި، 60 ވެންޓިލޭޓަރު ފޯރުކޮށްދީފައެވެ. މީގެ އިތުރުން ޔޫއެސްއޭއައިޑީގެ ފަރާތުން ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ކޮވިޑް މެނޭޖް ކުރުމަށް ކްލިނިކަލް ޓްރޭނިން ފޯރުކޮށްދީ، މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމެރިކާއިން ކޯވިޑް-19 ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައިވެސް ރާޢްޖެ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް