ޗީފް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ކޮމިޓީއަށް ހާޒިރުވާން އަންގައިފި، މިނިސްޓަރަކަށް ނާންގާ !

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އެންކިއަރީއަށް މައުލޫމާތު ސާފުުކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ އަބްދުﷲ ޝަމާލާއ...

04 Jun 2021 | 14:19

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އެންކިއަރީއަށް މައުލޫމާތު ސާފުުކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް އެ ކޮމިޓީއަށް ހާޒިރުވާން އަންގައިފިއެވެ.

މި ދެބޭފުޅުން ހާޒިރުވާން އެންގި ނަމަވެސް ޑިފެންސް މިިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެ ކޮމިޓީއަށް ހާޒިރުވާން އަންގާފައެއް ނުވެއެވެ.

ޗީފް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ކޮމިޓީއަށް ހާޒިރުވާން އަންގާފައިމިވަނީ ވަކި ވަކި ސިފައިން ހާޒިރު ނުކުރެވޭނެކަމަށް ސިފައިންގެ ފަރާތުން އަންގާ ބަޔާނެއް ނެރެފައިވަނިކޮށެވެ.

ޗީފް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ހާޒިރުވާން އެންގިކަމުގެ މައުލޫމާތު ދުވަހަށް ލިބިފައިވާއިރު މިކަމާއި ގުޅޭގޮތުން ރަސްމީ ބަހެއް ހޯދާލުމަށް ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއާއި ގުޅޭ އެއްވެސް މައުލޫމާތެއް ވަކިން މީޑިއާތަކަށް ކޮމިޓީގެ އެއްވެސް މެންބަރަކު ނުދިނުމަށް ކޮމިޓީން ނިންމާފައިވާކަމަށެވެ. މައުލޫމާތެއް ހާމަކުރާނަމަ ހާމަކުރާނީ މުޅި ކޮމިޓީން ނިންމުމަށްފަހުގައެވެ.

ނަމަވެސް ޗީފް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ހާޒިރުކުރަން އަންގާފައިވާކަން އަދި މިނިސްޓަރު ހާޒިރުވާން އަންގާފައިނުވާކަން މުގައްރިރު ދޮގެއް ނުކުރައްވައެވެ.

ސަލާމަތީ ކޮންމެ ހިދުމަތެއްމެ ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށާއި އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ކޮންމެ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާންވާނެ ކަމުގައި ގާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ބޭނުން ހިފާ ގޮތާމެދު އަދި އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ޤާނޫނުގައި ބުނާ ކަމަށެވެ.

އަދި ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހާ ޤާނޫނީ ބާރާއި އިޚަތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށް ކަމަށް އެ ގާނޫނުގައި ބުނާއިރު ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު މިނިސްޓަރު ސިފައިންގެ އެންމެމަތީ ވެރިޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާ ކުރުމަކީ ކުށެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ “ޗެއިން އޮފް ކޮމާންޑް”އާއި “ކޮމާންޑް އެންޑް ކޮންޓްރޯލް” އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްކުރެވިފައި އޮތް އުސޫލުތަކާއި ހިލާފް ކަމެއް ކަމަށާ އަދި މިކަމުގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އަދި މިކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއް ކަަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް