ޕޮލޭންޑްގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް "ވިޒިޓް މޯލްޑިވްސް"އިން ވަރުގަދަ ކެމްޕެއިނެއް ފަށައިފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ފެށި މި ކެމްޕެއިންގެ ބޭނުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓާ ފަތުރުވެރިން ދަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕޯލޭންޑްގައި ރާއްޖެ އިޝްތިހާރުކުރުމެވެ.
ޕޯލޭންޑްގެ އެންމެ މަގުބޫލު އެއް ޓުއަރ އޮޕަރޭޓަރ ކަމުގައިވާ އިޓާކާ އާއިއެކު ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދާ މި ކެމްޕެއިންގައި އިޝްތިހާރުތަކާއި ޑިޖިޓަލް ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި ކެމްޕެއިން ފެށީ މި މަހުއެވެ.
މިއީ ޕޮލޭންޑުން ރާއްޖެއަށް އިޓާކާގެ ފަރާތުން ޗާޓާރ ފްލައިޓްތައް ފެށުމާއި ގުޅުވައިގެން ފެށި ކެމްޕެއިންއެކެވެ.
މި ކެމްޕެއިންގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުކުރުމަށް ޑިޖިޓަލް ހަރަކާތްތަކާއި އައުޓްޑޯ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. މި ކެމްޕެއިންގެ ޑިޖިޓަލް ހަރަކާތެއްގެ ދަށުން ގޫގުލް އެޑްވޯރޑްސްގެ ޒަރިއްޔާއިން ރާއްޖޭގެ ރީތި މަންޒަރުތަކާއި މެސެޖްތައް ލިބޭގޮތަށް އިޝްތިހާރުކުރެވިގެން ދާނެއެވެ. އަދި މީގެ އިތުރުން ޕޮލޭންޑްގެ މަގުބޫލު ޓްރެވެލް އަދި ލައިފްސްޓައިލް ވެބްސައިޓްތަކުގައި އެނިމޭޓެޑް އިސްތިހާރުތަކާއި ޕުޝް މެސެޖް ބޭނުންކޮށްގެންވެސް ރާއްޖެ އިޝްތިހާރުކުރާނެއެވެ.
މި ކެމްޕެއިނުގައި އިޝްތިހާރުކުރެވޭ ކޮންޓެންޓް ލަފާ ކުރެވޭގޮތުގައި 25 މިލިޔަނެއްހާ މީހުނަށް ފޯރާނެއެވެ.
އައުޓްޑޯ ހަރަކާތްތަކުގެ ތެރެއިން އިޓާކާގެ 150 އަށް ވުރެން ގިނަ އޮފީސްތަކުގައި ހަރުކުރެވިފައިވާ ޓީވީތަކުން ރާއްޖޭގެ މަންޒަރުތަކުގެ އިޝްތިހާރުތައް ކުރެވެމުންދާނެއެވެ. އަދި މީގެ އިތުރުން މަޝްހޫރު ޒުއޮލްތެ ޓަރާސޭ ހާރޑް ރޮކް ކެފޭ ކުރިމަތީގައި ހުންނަ ސްކްރީނުންވެސް ރާއްޖޭގެ އިސްތިހާރުތައް ފެންނާނެއެވެ. ވާރސޯގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ ކޮޒިކީ ގައި ބޮޑު ޕްރިންޓް ބެނާއެއްވެސް ހަރުކުރާނެއެވެ. މި ސަރަހައްދަކީ މަހެއްގެ މައްޗައް 1.4 މިލިޔަނަށްވުރެން ގިނައިން މީހުން ހިނގާ ބިނގާވެ އުޅޭ ސަރަހައްދެކެވެ.
އިޓާކާ އާއި އެކު ކުރިއަށް ގެންދާ ކެމްޕެއިނުގެ ސަބަބުން ޕޮލީޝް މާކެޓްގައި ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ލަފާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް