އިހުމާލަކަށްފަހު އިހުމާލެއް، އިސްތިއުފާއަށް ގޮވުން ނިމުމެއް ނެތް !

ބައެއްގެ އިހުމާލުން ކޯވިޑް-19އާ ހަނގުރާމަކުރަމުން ދިޔަ ކުޑަކުއްޖެއްގެ މަރާއެކު ސިހުން ލިބިފައި ތިބި ދިވެހިން، އެ ކަމުން އަރައި ނުގަނެވި އުޅެނިކޮށް އިވިގެން ދިޔައީ އަނެއްކާ ވެސް ކުޑަކުއްޖެއްގެ ފުރާނައެ...

04 Jun 2021 | 12:00

ބައެއްގެ އިހުމާލުން ކޯވިޑް-19އާ ހަނގުރާމަކުރަމުން ދިޔަ ކުޑަކުއްޖެއްގެ މަރާއެކު ސިހުން ލިބިފައި ތިބި ދިވެހިން، އެ ކަމުން އަރައި ނުގަނެވި އުޅެނިކޮށް އިވިގެން ދިޔައީ އަނެއްކާ ވެސް ކުޑަކުއްޖެއްގެ ފުރާނައެއްގެ ވަކިވުމުގެ ވޭނީ އަޑެވެ. ހިތާމައަކަށްފަހު ހިތާމައެއް ބޯ މައްޗަށް ވެއްޓުުނު އިރު ދިވެހިން ތިބީ ޖަޒުބާތާއި އިހުސާސްތަކުން ކެކި އުތުރި އަރާފައެވެ. ނުރުހުމާއި ހަމްދަރުދީގެ "ހާލަތު"ތަކުން މީސްމީޑިއާގެ ފާރުތައް ފުރާލައިފިއެވެ.

މިޝްކާގެ މަރާއެކު ގައުމުގެ ހިތް ހުއްޓުމަކަށް!

މިހާތަނަށް ދިވެހިރާއްޖޭގައި ކޯވިޑް-19 ޖެހިގެން މަރުވި ހަމައެކަނި ކުޑަ ކުއްޖާ، ފާތުމަތު މިޝްކާ މުހައްމަދު (10) އަށް ފަރުވާ ދިނުން ލަސްވެ، އޭނާ ނިޔާވި ޚަބަރާއެކު މުޅި ގައުމުގެ ހިތް ހުއްޓުނު ކަހަލައެވެ. ކަރުނުން ލޯތައް ފުރާލިއެވެ. އެ ކުޑަކުއްޖާ މަރަށް ތެޅުނު އިރު މައިވަންތަ ލަގޮނޑިއަށް ކެތް ނުވާނެކަން ޔަގީނެވެ. ދަރިފުޅަށް ޓަކައި އެ މަންމަ އަދި އެ ކުއްޖާގެ ހައްގުގައި އެތައް ބުރައެއް އުފުލަމުން ދިޔަ އަދި އުފުލަން ތައްޔާރަށް ހުރި ލޯބިވާ ބައްޕަ ވެސް ކުރެވެން ހުރި ކަމެއް ކުރާނެއެވެ. ޝައްކެތް ނެތެވެ. އެ ކުއްޖާ ފުޅު މާތް ﷲގެ ތަނަވަސް ރަޙުމަތްފުޅަށް ގެންދެވީ، ހާލު ދެރަވެ އެމްބިއުލާންސް އަށް ގުޅާތާ ދެ ގަޑި އިރަށް ވުރެ ގިނަ އިރުވީ އިރު ވެސް އެއްވެސް ސިއްހީ އެހީތެރިކަމެއް ނުލިބި ވަނިކޮށެވެ.

ތަހުގީގީ ރިޕޯޓު ނެރުން ވެސް ލަސް، މައްސަލަ ކުރިއަށް ދަނީ ބަރަވެލި ދުވެލީގައި!

ފާތުމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވެ، އޭނާ ނިޔާވި މައްސަލައިގެ ތަހުގީގީ ރިޕޯޓް ބުދަ ދުވަހުގެ ރޭ ނެރޭނެ ކަމަށް ސިއްހަތާ ބެހޭ ވަޒީރު އަހުމަދު ނަސީމް ވިދާޅުވި ނަމަވެސް ރިޕޯޓް ނެރެވިފައި ނުވާތީ އާންމުން އެ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިޝްކާގެ ހާލު ދެރަވެ އެމްބިއުލާންސް އަށް ގުޅާތާ ދެ ގަޑި އިރަށް ވުރެ ގިނަ އިރުވީ އިރު ވެސް އެއްވެސް ސިއްހީ އެހީތެރިކަމެއް ނުލިބި، ހާޓްއެޓޭކެއް ޖެހި ސިކުންޑިވެސް މަރުވެ އެންމެ ފަހުން އެ ކުއްޖާ ނިޔާވި މައްސަލައިގައި ނޫސްވެރިންާ ބައްދަލުކުރައްވައި ސިއްހަތާއި ބެހޭ ވަޒީރު ވިދާޅުވީ، އެ ވަގުތު ކޯލްތަކަށް ޖަވާބުދިން ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި އެކަން މި މަހުގެ އެއް ވަނަ ދުވަހު ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި، ބުދަ ދުވަހުގެ ރެއަށް ތަހުގީގު ނިންމައި އެ ރިޕޯޓުވެސް އާންމުކުރައްވާނެ ކަމަށެވެ. ހެލްތް މިނިސްޓްރީން ވަނީ އިހުމާލު ރިޕޯޓްގެ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ހާމަ ކުރާނެ ކަމަށް ބުނެފައެވެ. އެކަމަކު ބުރާސްފަތި ދުވަސް ފާއިތުވެ، ހުކުރު ދުވަހުގެ މިހާ ތަނަށް އައިރު ވެސް އެ ބުނާ ރިޕޯޓެއް އާންމުވެފައި ނުވެއެވެ. މިޝްކާގެ މަރަށް ފަހު އިހުމާލުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އިސްތިއުފާއަށް ގޮވަމުން ދިޔަ އިރު، ހާއްސަކޮށް މިކަމާއި ގުޅިގެން ވަޒީރުގެ އިސްތިޢުފާއަށް ގޮވާ އަޑު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މީސްމީޑިޔާގައި އާންމުން ބުނަމުންދަނީ ވަޒީރު ފެއިލްވެއްޖެ ކަމަށެވެ.

މިނިސްޓްރީގެ ރާގަށް ބަދަލެއް!

އިހު ދެންނެވި ފަދައިން، ނޫސްވެރިންާ ބައްދަލުކުރައްވައި ސިއްހަތާއި ބެހޭ ވަޒީރު ވިދާޅުވީ، އެ ވަގުތު ކޯލްތަކަށް ޖަވާބުދިން ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި އެކަން މި މަހުގެ އެއްވަނަ ދުވަހު ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި، ބުދަ ދުވަހުގެ ރެއަށް ތަހުގީގު ނިންމައި އެ ރިޕޯޓުވެސް އާންމުކުރައްވާނެ ކަމަށެވެ. ހަމައެއާއެކު ހެލްތް މިނިސްޓްރީން ވަނީ އިހުމާލު ރިޕޯޓްގެ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ހާމަ ކުރާނެ ކަމަށް ބުނެފައެވެ. އެކަމަކު މިނިސްޓްރީގެ ރާގު ބަދަލުވެ މިއަދު ބުނީ، މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ކުރަމުންގެންދާ ތަހުޤީގު ލަސްވެދާނެ ކަމަށެވެ. އެއީ ގިނަ ކަންތައްތަކެއް ބަލަންޖެހޭތީކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. މިއަދު ހެނދުނު އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ކޯވިޑް-19 ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާދިނުން ލަސްވި މައްސަަލައިގެ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް ކުރަމުން އަންނަކަމަށެވެ. މި މައްސަލާގައި ގިނަ ކަންތައްތަކެއް ބަލަންޖެހޭތީ އެކަމަށް އިތުރު ވަގުތު ނަގާކަމަށްވެސް ހެލްތް މިނިސްޓްރީގެ ޓްވީޓްގައިވެއެވެ. އަދި މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަހަކަށް މި މަސައްކަތް ނިންމުމަށްކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

މައްސަލައިގެ ރިޕޯޓު ނުނެރެވި އުޅެނިކޮށް ގެއްލުނީ ދެ ވަނަ ކުއްޖެއްގެ ފުރާނަ، މި ކަމުގައި ވެސް އިހުމާލު އޮތްކަމުގެ ތުހުމަތު!

މިޝްކާގެ މަރުން އަރައިނުގަނެވި އުޅެނިކޮށް، ކޯވިޑް-19 އަށް ފައްސިވެފައިވާ މާބަނޑު އަންހެނަކު އެމްބިއުލާންސްގައި ވިހައި، ދަރިފުޅު މަރުވި މައްސަލަ އިއްޔެ ވަނީ ފެންމަތިވެފައެވެ. ވިހޭ ދަރިފުޅު މަރުވި އިރު، އެމްބިއުލާންސްގައި ނަރުހެއްވެސް ނެތް ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައި ވެއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި، ކުއްޖާގެ ވިންދު ދައްވާތީ ދެފަހަރެއްގެ މަތިން އައިޖީއެމްއެޗް އަށް ގެންދިޔަ ކަމަށްވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ‘ނޯމަލް’ ކަމަށް ބުނެ ދޫކޮށްލާފައިވާ ކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ. އިއްޔެ އެމްބިއުލާންސްއަށް ގުޅުމުން 10 ވަރަކަށް މިނެޓް ތެރޭގައި ގޮސްފައިވާކަން ފާހަގަކޮށް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނީ ވިހާފައި ވަނީ އެމްބިއުލާންސްގެ ތެރޭގައި ކަމަށެވެ. ވިޔަފާރިިވެރިންގެ މިސްކިތާ ހިސާބަށް އެމްބިއުލާންސްއަށް ދެވުނުއިރު އަންހެން މީހާ ވިހާފައި ވާއިރު، އެވަގުތު އެމްބިއުލާންސްގައި ހުރި އަންހެން ކުއްޖެއް އެހީތެރިވެދީފައި ވެއެވެ. އެމްބިއުލާންސްއަށް ގުޅުމަށްފަހު އަންހެންމީހާގެ ހާލަތު ކިޔައިދީ، ވިހަން ތައްޔާރުވެފައި އިން ވާހަކަ ބުނި ނަމަވެސް ނަރުހެއް ފޮނުވާފައި ނުވާކަމަށް މައުލޫތު ދިން ފަރާތުން ބުނެފައިވެއެވެ.

މިނިސްޓަރު ވިދާޅުވަނީ އިހުމާލެއް އޮތްތޯ ބެލުމަށް ފަހު، އިސްތިއުފާ ދިނުމާއި މެދު ޖަވާބެއް ދެއްވާނަމޭ!

އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވެގެން ކޯވިޑް-19 ރޯގާގައި ނިޔާވި މައްސަލައިގަ އިހުމާލެއް ވޭތޯ ބެލުމަށް ފަހު އިސްތިއުފާ ދެއްވުމާއި މެދު ގޮތެއް ނިންމަވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައި ވެ އެވެ. ކޯވިޑް-19 ޖެހިގެން މިޝްކާ މަރުވި މައްސަލައިގަ އެކަމުގެ ކަންބޮޑުވުން އެ ކުއްޖާގެ އާއިލާއިންނާއި ބައެއް އާންމު ރައްޔިތުންވެސް ދަނީ ފާޅުކުރަމުންނެވެ. އަދި އާންމު އާންމުން ދަނީ ނަސީމްގެ އިސްތިއުފާއަށް ގޮވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް