މަޔޯ ކާޑައިޓިސް ނުވަތަ ހިތް ދުޅަވުމާއި ފައިޒާ ވެކްސިން ޖެހުމާއި ގުޅުމެއްވާ ކަމަށް ޤަބޫލު ކުރެވޭ ކަމަށް އިސްރާއީލުގެ ސިއްޙީ ވުޒާރާއިން ހާމަ ކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ، ހިތުގެ އިންފްލެމޭޝަންގެ މައްސަލަތައް ގިނައިން ކުރިމަތި ވެފައި ވަނީ ފައިޒަރ ވެކްސިން ޖެހި ޒުވާން ފިރިހެނުންނަށް ކަމަށެވެ.
ފައިޒާ ކުންފުނިން މި ކަމާއި ގުޅޭ ގޮތުން ބުނެފައި ވަނީ އެ ވެކްސިން ބޭނުން ކުރުމުގެ ސަބަބުން މަޔޯ ކާޑައިޓިސްގެ ގިނަ ކޭސްތަކެއް އަދި މިހާ ތަނަށް ފެނިފައި ނުވާ ކަމަށެވެ.އިސްރާއީލުގައި މިހާތަނަށް މި މައްސަލަ ކުރިމަތި ވެފައިވާ 275 ކޭހެއް ފެނިފައިވާ އިރު، އެ ޤައުމުގެ 5 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއަށް މިހާރު ވަނީ ވެކްސިން ދެވިފައެވެ.
މަޔޯ ކާޑައިޓިސް މެދުވެރިވާ ގިނަ ބަލި މީހުން 4 ދުވަހަށް ވުރެ ގިނައިން ހަސްފަތާލު ކުރަން ޖެހިފައި ނުވާ އިރު، މި މައްސަލަ ދިމާވި މީހުންގެ 95 އިންސައްތަ މީހުންނަށް ދިމާވެފައި ވަނީ މަޔޯކާޑާއިޓިސްގެ މައިލްޑް ނުވަތަ ވަރަށް ކުޑަ މައްސަލަތަކެއް ކަމަށް އިސްރާއީލުގެ ސިއްޙީ ވުޒާރާއިން ބުނެއެވެ.
މިކަމާއި ގުޅިގެން އިސްރާއީލުގައި ކުރިއަށް ގެންދިޔަ ތަޙްލީލުތަކުން ހާމަވާ ގޮތުގައި، ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކުރުމާއިއެކު، އުމުރުން 16 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާން ފިރިހެނުންނާއި ފިރިހެން ކުދިންނަށް މަޔޯކާޑައިޓިސް ޖެހެން މެދުވެރިވާ ކަމަށް ވަނީ ހޯދިފައެވެ.
މިދިޔަ ހަފްތާގައި ޔޫރަޕްގެ މެޑިކަލް އޭޖެންސީއިންވެސް ވަނީ ކޮމިރްނަޓީ ވެކްސިން ޖެހުމުން މަޔޯ ކާޑައިޓިސްއަށް މަގުފަހި ވުމަކީ ބިރު ގަންނަން ޖެހޭ ކަމެއް ނޫން ކަމަށާއި، ވެކްސިންއާއި އެކުވެސް މި މައްސަލަ ދިމާވަނީ އާންމުކޮށްވެސް މި މައްސަލަ ދިމާވާ ރޭޓުގައި ކަމަށް ބުނެފައެވެ.އަދި ޒުވާން ފިރިހެނުންނަށް މި މައްސަލަ މެދުވެރިވުން ބޮޑު ކަމަށްވެސް އެ އޭޖެންސީއިންވެސް ބުނެފައި ވެއެވެ.
އެމެރިކާގެ ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)އިން ވަނީ މިދިޔަ މެއި މަހު މަޔޯކާޑައިޓިސްއާއި އެމްއާރްއެންއޭ ވެކްސިންއާއި ދެމެދުގައި ވާ ގުޅުން އިތުރަށް ތަޙުލީލު ކުރަން ގޮވާލާފައެވެ. އެމްއާރްއެންއޭ ވެކްސިންގެ ތެރޭގައި ފައިޒާއާއި މޮޑާނާ ވެކްސިންވެސް ހިމެނެއެވެ.އެމެރިކާއިން ކަންބޮޑުވާ މިންވަރަކަށް މި ފަދަ ކޭސްތައް ފެނިފައި ނުވިނަމަވެސް، ސީޑީސީން ބުނެފައި ވަނީ ސިއްޙީ ޙިދުމަތްތެރިންނަށް، ވެކްސިންތަކުގެ ސަބަބުން ދިމާވެދާނެ އެންމެހާ ނޭދެވޭ އަސަރުތަކާއި މެދު ހޭލުންތެރި ވެފައި އޮތުން މުހިންމު ކަމަށެވެ.
އިސްރާއީލުން ފެނުނު މަޔޯ ކާޑައިޓިސްގެ މައްސަލަ ދެނެގަނެވިފައިވާ ކަމަށް މައުލޫމާތު ދެމުން ފައިޒާއިން ބުނީ، އަދި މިހާ ތަނަށް މި މައްސަލަތަކާއި ވެކްސިންއާއި ދެމެދު ސީދާ ގުޅުމެއް ވާކަން ޔަޤީން ކުރެވިފައި ނުވާ ކަމަށެވެ.އަދި ވެކްސިންގެ ސަބަބުން ކުރިމަތިވާ ނޭދެވޭ މައްސަލަތަކާއި ގުޅޭ ގޮތުން އިސްރާއީލުގެ ސިއްޙީ ވުޒާރާގެ ވެކްސިން ޑިޕާޓުމެންޓާއި އާންމުކޮށް ބައްދަލު ކުރާ ކަމަށާއި، މި މައްސަލަތަކާއި، އެކަމާ ގުޅޭ މައުލޫމާތުތައް ރިވިއު ކުރަމުންދާ ކަމަށްވެސް ފައިޒާއިން ވަނީ މައުލޫމާތު ދީފައެވެ.
އިސްރާއީލުގެ ސިއްޙީ ވުޒާރާގެ މި ރިޕޯޓާއި އެކު،އިސްރާއީލުގައި ފައިޒާ ވެޖްސިން ޖަހަން ކަނޑައަޅާފައިވާ އާބާދީގެ ތެރޭގައި އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ދިނުން ފަސްކޮށްލާފައި ވީ ނަމަވެސް، މި ރިޕޯޓާއި އެކުއެކީގައިހެން، ފުރާވަރު އުމުރުގެ އާބާދީއަށް ވެކްސިން ދިނުމަށް އިސްރާއީލުގެ ވުޒާރީ ކޮމިޓީއަކުން ވަނީ ފާސްކޮށްފައެވެ.އެހެން ކަމުން، އަންނަ ހަފްތާއިން ފެށިގެން އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށްވެސް ވެކްސިން ދޭން ފަށާނެ ކަމަށް އިސްރާއީލުގެ ޕެންޑެމިކް ރެސްޕޯންސް ކޯޑިނޭޓަރު ނަޚްމަން އޭޝް ވަނީ ވިދާޅުވެފައެވެ.އަދި ވެކްސިން ޖެހުމުން ލިބޭ ފައިދާތައް، ލިބޭ ގެއްލުންތަކަށް ވުރެ ބޮޑުކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑު 19 ގެ ކޭސްތައް އިސްރާއީލުގައި މިހާރު މަދުވެފައި ވާއިރު، އެ ޤައުމުގެ އިޤްތިޞާދުވެސް މިހާރު އަންނަނީ ހަމައަކަށް އެޅެމުންނެވެ.އިސްރާއީލުގެ މުޅި އާބާދީގެ ތެރެއިން 55 އިންސައްތަ މީހުންނަށް މިހާރު ވަނީ ކޮވިޑު ދިފާއު ވެކްސިން ދެވިފައެވެ.އެހެން ކަމުން، މި ފަހްތާ ތެރޭގައި، އާންމުންނަށް ގިނަ ލުއިތަކެއްވެސް އެ ޤައުމުގައި ވަނީ ދޭންފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް