ރައްޔިތުންގެ މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) ހިންގާ ޕާލަމެންޓްރީ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުކުރުމަށް ގައުމީ ދިފާއީ ބާރުން ދެކޮޅު ހެދުމާ ގުޅިގެން އެކި ފަރާތްތަކުން ޚިޔާލު ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅިގެން ސިފައިން ނެރުނު ބަޔާނާއި ގުޅިގެން 241 ކޮމިޓީގައި ހިމެނޭ ބައެއް މެމްބަރުން އަންނަނީ މިއީ އެ އިންކުއަރީ އަށް ހުރަސް އެޅުން ކަމަށް ވިދާޅުވެފައެވެ.
އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފްގެ ފަރާތުން މަޖިލީހުގެ 241 ކޮމިޓީއަށް ޖަވާބުދާރީވާނެ މިނިސްޓަރެއް ހުންނާނެ ކަމަށެވެ. އަދި 241 ކޮމިޓީއަށް ވަަކިވަކި ސިފައިން ހާޒިރުވުމަށް އެންގުމުން އެކަމަށް އިޖާބަ ނުދިނޭ ކިޔާފައި ޖިނާއީ ދައުވާއެއް ވެސް ނުކުރެވޭނެ ކަމަށް އަލީ ވިދާޅުވިއެވެ.
އެމްއެންޑީއެފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ، ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާއި ޚިލާފް ކަމެއް ކަމަށެވެ.
މިކަމުގެ ސަބަބުން މުޅި ޤައުމީ ދިފާޢީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އަދި ޤައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންވެ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުޞޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މުއައްސަސާގެ ފަރާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް