ފަޤީރު ޤައުމުތަކަށް ކޮވިޑު ދިފާއު ވެކްސިން ފޯރު ކޮށްދިނުމަށް ދުނިޔޭގެ ސިއްޙީ ޖަމިއްޔާއިން ހިންގަމުން އަންނަ ޕްރޮގްރާމް، ކޮވެކްސް ހިމެނޭހެން 20 މިލިއަން ކޮވިޑު ދިފާއު ވެކްސިންގެ ޑޯޒު ދިނުމަށް ނިންމާފައިވާ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރައްވައިފިއެވެ. ކޮވެކްސް ޕްރޮގްރާމުން ވެކްސިން ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.
އދ ގެ ޔުނިސެފުން މައުލޫމާތު ދޭ ގޮތުގައި، ދިވެހިރާއްޖެއަށް ކޮވެކްސް މެދުވެރިކޮށް އެންމެ ފުރަތަމަ ކޮވިޑު ދިފާއު ވެކްސިން ލިބިފައި ވަނީ މިަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.އެ ފަަހަރުގެ ޝިޕްމެންޓުގައި ރާއްޖެއަށް ލިބިފައި ވަނީ 12،000 އޮކްސްފޯޑު ޒެނެކާގެ ވެކްސިން ނަމަވެސް، މިއަހަރުގެ ތެރޭގައި ކޮވެކްސް ޕްރޮގްރާމްގެ ދަށުން 113،850 ޑޯޒުގެ ކޮވިޑު ދިފާއު ވެކްސިން ލިބޭނެ ކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.
ބުރާސްފަތި ދުވަހު ކޮވިޑު ދިފާއު ވެކްސިން ހަދިޔާ ކުރަން އިއުލާން ކުރަމުން އެމެރިކާގެ ރައީސްގެ އޮފީހުން ބުނީ، ފަޤީރު ޤައުމުތަކަށް ކޮވިޑު ދިފާއު ވެކްސިން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށާއި، އެމެރިކާގެ ބޭނުންތަކަށް 25 އިންސައްތަ ޑޯޒު ބެހެއްޓުމަށް ފަހު، ބާކީ 75 އިންސައްތަ ވެކްސިން ޑޯޒު ކޮވެކްސް މެދުވެރިކޮށް ފަޤީރު ޤައުމުތަކަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.މީގެ ތެރޭގައި ބަޔޯއެންޓެކް ފައިޒާގެ އިތުރުން، މޮޑާނާ، ޖޮންސަންއެންޖޮންސަން އަދި އެސްޓްރާޒެނެކާ ހިމެނޭހެން 20 މިލިއަނަށްވުރެ ގިނަ ޑޯޒުތަކެއް ބަހާލެވޭނެއެވެ. ނަމަވެސް މިތަނުން، އެސްޓްރާޒެނެކާ ވެކްސިންއަކީ އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަ ލިބިފަައި ނުވާ ވެކްސިންއެއްކަން ފާހަގ ކޮށްލެވެއެވެ.
މިތަނުން، 75 އިންސައްތަ ޑޯޒު ކޮވެކްސް ޕްރޮގްރާމަށް ދިނުމަށް ނިންމާފައި ވާއިރު، 6 މިލިއަން ޑޯޒު ދިނުމަށް ހަމަޖެހިފައި ވަނީ މެދުތެރޭ އަދި ދެކުނު އެމެރިކާ ބައްރުގެ ޤައުމުތަކަށެވެ.އަދި އޭޝިއާ ބައްރަށް 7 މިލިއަން ވެކްސިން ހަދިޔާ ކުރަން ނިންމާފައި ވާއިރު، އެފްރިކާއަށް ހަދިޔާ ކުރަން ނިންމާފައި ވަނީ 5 މިލިއަން ޑޯޒުކަމަށް އެމެރިކާގެ ރައީސްގެ އޮފީހުން މައުލޫމާތު ދެއެވެ.މީގެ އިތުރުން، 6 މިލިއަން ޑޯޒު އަވަށްޓެރި ޤައުމުތަކަށާއި، އެމެރިކާގެ ރަޙްމަތްތެރި ޤައުމުތަކަށް ހަދިޔާ ކުރަންވެސް ވަނީ ނިންމާފައެވެ.
އެމެރިކާއަށް ލިބިފައިވާ ކޮވިޑު ދިފާއު ވެކްސިންގެ 25 އިންސައްތަ އެ ޤައުމުގެ އިތުރުން، ކޮވިޑުގެ ޙާލަތު ކުއްލިއަކަށް ނުރައްކާ ވެދާނެ ޤައުމުތަކަށް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ޖޭކް ސުލަވަން ވިދާޅުވީ، އެމެރިކާގެ މަޤްޞަދަކީ ނުދިޔޭން މި ޕެންޑެމިކް ނައްތާލުން ކަމަށާއި، ކޮވިޑުގެ އައު ވޭރިއެންތުތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް މި އެހީގެ ސަބަބުން ފަސޭހަ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އމެރިކާގެ މި ނިންމުން އިއުލާން ކޮށްފައި މިވަނީ އެކި ލީޑަރުން މުއްސަނދި ޤައުމުތަކުން އެހެން ޤައުމުތަކަށް ވެކްސިން ހަދިޔާ ކޮށްދިނުމަށް އެދިލައްވާފައިވާ ދަނޑިވަޅެއްގައެވެ.އެމެރިކާގައި ގިނަ ބަޔަކު ވެއްސިން ޖެހުމާއި ގުޅިގެން، ހާލަތު ރަނގަޅު ވަމުން އައި ނަމަވެސް، ގިނަ ޤައުމުތަކެއް އަންނަނީ ކޮވިޑުގެ ނުރައްކާތެރި ރާޅުތަކާއި ހަނގުރާމަ ކުރަމުންނެވެ.އަވަށްޓެރި އިންޑިއާގައިވެސް ކޮވިޑުގެ ހާލަތު ވަނީ ގޯސްވެފައެވެ.އަދި އެފްރިކާއަށްވެސް، 6 ހަފްތާގެ ތެރޭގައި އެސްޓްރާޒެނެކާ ވެކްސިން ގެ 20 މިލިއަން ޑޯޒު ބޭނުންވާ ކަމަށް ދުނިޔޭގެ ސިއްޙީ ޖަމިއްޔާއިން ވަނީ ބުނެފައެވެ.ސަބަބަކީ، ވެކްސިންގެ ދެވަނަ ޑޯޒު ޖަހާ މުއްދަތު ކައިރި ވެފައިވާ ގިނަ ބަޔަކު އެފްރިކާގައި ތިބުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް