މާލެ އާއި ރަށްރަށުގައި ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފެތުރެމުންދާ މިންވަރު އަދިވެސް ދަށް ނުކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެތުރެމުންދާ ރޯގާތަކުގެ ތެރެއިން އެންމެ ގިނަ މީހުން އަދިވެސް ޕޮޒިޓިވް ވަމުން ދަނީ އިންފްލުއެންޒާ އޭއަށް ކަމަށެވެ. އަދި އެ ބައްޔަށް ޓެސްޓު ކުރަނީ ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ހާލު ބޮޑުވެ އެންދުމަތިކުރާ މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މި ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭސް ހޮސްޕިޓަލްތަކަށް ފޯރުކޮށްދީ ފަރުވާ ދިނުމުގައި ގެންގުޅެންވާނެ އުސޫލުތަކާއި ޕްރޮޓްކޯލްތަކަށް، ޚިދުމަތް ދޭ ފަރާތްތައް އަހުލުވެރިކޮށް، ފަރުވާގެ ކަންކަން ހޮސްޕިޓަލްތަކުގައި ހަރުދަނާކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ ހަފުތާގައި 9،050 މީހުން، އޭގެ ކުރީ ހަފުތާގައި 9،710 މީހުން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އެހެންވެ، އެޗްޕީއޭއިން ވަނީ އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ކުރިން އިލްތިމާސް ކުރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައި އެވެ.
އަދި އިންފްލުއެންޒާ ވެކްސިން ޖެހުމަށްވެސް އިލްތިމާސް ކުރެ އެވެ.
އިންފްލުއެންޒާ ޖެހިގެން، މި އަހަރުގެ މިހާތަނަށް މަރުވީ އެންމެ ދިވެއްސެކެވެ. މިދިޔަ އަހަރު ރާއްޖެ އިން 200 އަށް ވުރެ ގިނަ މީހުންނަށް އިންފްލުއެންޒާ ޖެހުނު އިރު ހަ މީހަކު މަރުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް