އަރީފަށް ކުރާ ދައުވާގެ އަޑު އެހުން ކެންސަލް ކޮށްފި

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ދެކޮޅަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ. މިއަދު ތާވަލް ކޮށްފައި އޮތީ އަރީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑު އެހު...

04 Jun 2018 | 07:26

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ދެކޮޅަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

މިއަދު ތާވަލް ކޮށްފައި އޮތީ އަރީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑު އެހުމެކެވެ. އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ.

އަރީފްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން މިދިޔަ އަހަރުން ފެށިގެން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އަރީފް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގެ ކުރިން އެ ކަމަށް ދުރާލައި އަރީފް ތައްޔާރުވި ކަމަށާއި އަދި ފުލުހުންގެ ތެރޭގައި އޮންނަ އުސޫލުތަކާ ހިލާފަށް އޭނާ ބޭނުންވާ ބައެއް ފުލުހުންތަކެއް، ފެބްރުއަރީ އެކެއްގެ އަމުރު ނެރެންވާ އިރަށް މަގުމައްޗަށް ނެރެން ތައްޔާރުކުރި ކަމަށް ދައުވާގައިވެ އެވެ.

ފުލުހުންތައް ނެރެގެން އަރީފް މަސައްކަތް ކުރީ އެހެން ފުލުހުންނާ ކުރިމަތިލައި، ހަމަނުޖެހުން ހިންގަން ކަމަށް ދައުވާގައިވެ އެވެ.

އަރީފްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަރީފްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކަށް ވެސް ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް