ދުނިޔޭގެ އެންމެ އަގުބޮޑު ލަނބާގިނީ އާއި ފެރާރީތައް ގެނައުމަށްފަހު މިފަހަރު ދުބާއީ އިން ދުނިޔޭގެ އެންމެ ފުރަތަމަ ޕޮލިސް ރޮބޮޓް އެމީހުންގެ ޕޮލިސް ފޯސްއަށް ވައްދައިފި އެވެ.
މި ރޮބޮޓް އާއްމުންނަށް ދައްކާފައިވަނީ މިދިޔަ އަންގާރަ ދުވަހު ދުނިޔޭގެ އެންމެ އުސް އެއް ޓަވަރު ކަމަށްވާ ބުރިޖް ޚަލީފާގެ ތިރީގަ އެވެ. މި ރޮބޮޓު އެތާގައި ބަހައްޓާފައިވާއިރު ގިނަ އަދަދެއްގެ މީހުން ދިޔައީ އެއާއެކު ފޮޓޯ ނަގަމުންނެވެ.
ޕޮލިސް ޔުނީފޯމު ލައިގެން ހުންނަ މި ރޮބޮޓަކީ އޭގެ މޭމަތީގައި ކޮމްޕިއުޓަ ޓަޗް ސްކްރީނެއް އިންނަ އެއްޗެކެވެ. އޭގެ ސަބަބުން މި ރޮބޮޓަށް މައްސަލަތައް ރިޕޯޓް ކުރެވޭނެ އެވެ. އަދި މީގެ އިތުރުން ސްޕީޑް ޓިކެޓާ ބެހޭ މަޢުލޫމާތުވެސް އޭގެ މޭމަތީގައި ހަރުކޮށްފައިވާ ސްކްރީނުން ލިބޭނެ އެވެ.
ދުބާއީ ޕޮލިސްގެ ސްމާޓް ސާވިސަސްގެ ހެޑް ބްރިގޭޑިއަރ ޚާލިދް އަލް ރައްޒޫޤީ ހާމަ ކުރިގޮތުގައި އެމީހުން ބޭނުންވަނީ 2030 އާއި ހަމައަށް ޕޮލިސް ފޯސްގެ 25% ރޮބޮޓުން ފުރާލުމަށެވެ.
މި ރޮބޮޓު ބަހައްޓަން ހަމަޖެހިފައިވަނީ ޓޫރިސްޓުން އެންމެ ގިނަ ތަންތާގައި ކަމަށާއި ރޮބޮޓުގެ އިންނަ ކެމެރާގެ ސަބަބުން އޮޕަރޭޝަން ރޫމަށް ހުރިހާ ވީޑިއޯއެއް ލައިވްކޮށް ފެންނާނެ ކަމަށް ދުބާއީގެ ޕޮލިހުން ވަނީ ހާމަކޮށްފަ އެވެ.
އަދި މީގެ އިތުރުން ޕޮލިހުންގެ އެކި މައްސަލަތަކުގައި ހޯދާ މީހުންވެސް އެ ރޮބޮޓުން ފާހަގަ ކުރެވޭނެކަމަށް ދުބާއީ ޕޮލިހުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް