މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ޝިފާ މުހައްމަދު އިންތިހާބުކޮށްފި އެވެ.
މޭޔަރު ކަމަށް ޝިފާ އިންތިހާބުވެވަޑައިގެންނެވުމުން އޭނާ ވެގެންދާނީ މާލޭގެ ފުރަތަމަ އަންހެން މޭޔަރަށެވެ. ޝިފާ އެމަގާމަށް އިންތިހާބުވެވަޑައިގެންނެވީ 11 މެންބަރުންގެ ވޯޓުންނެވެ.
ޑެޕިއުޓީ މޭޔަރަކަށް އިންތިހާބުކޮށްފައިވަނީ 12 މެންބަރުންގެ ވޯޓާއި އެކު ނިމި ދިޔަ ދައުރުގައި އެ ކައުންސިލްގެ މެމްބަރުކަން ކުރެއްވި ޝަމާއު ޝަރީފެވެ.
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މެންބަރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އާދަމް މުހައްމަދު އަބްދުﷲ އެވެ.
ސިޓީ ކައުންސިލަށް އިންތިހާބުވެފައިވާ 13 މެންބަރުންގެ ތެރެއިން އެންމެ މެންބަރެއް ފިޔަވައި ދެން ތިއްބެވީ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި މެންބަރުންނެވެ. އަނެއް މެންބަރަކީ ޑީއާރުޕީގެ މެންބަރެކެވެ.
ރޭގެ ރަސްމިއްޔާތުގައި ޑީއާރުޕީގެ ލީޑަރު މުހައްމަދު ނާޒިމް (ކާނަލް) އާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ އަލީ ޝަމީމް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތަށް ދައުލަތުގެ އިސްވެރިންނަށް ދައުވަތު ދީފައި ވިޔަސް އިތުރު މުއައްސަސާއެއްގެ އިސް ބޭފުޅަކު ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް