ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގާ މާލެ ހިމެނޭ ސަރަޙައްދާ މެދު ރާއްޖެތެރޭގެ ސަރަޙައްދަށް ޖުމުލަކޮށް މުޅި ރާއްޖެއަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ވިއްސާރަކުރަމުންދާނެކަމަށް މޫސުމާބެހޭ އިދާ...

04 Jun 2015 | 17:49

މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގާ މާލެ ހިމެނޭ ސަރަޙައްދާ މެދު ރާއްޖެތެރޭގެ ސަރަޙައްދަށް ޖުމުލަކޮށް މުޅި ރާއްޖެއަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ވިއްސާރަކުރަމުންދާނެކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކުރަމުން އަންނައިރު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

"ރާއްޖެއަކީ ކަނޑުގެ ސަރަޙައްދު ބޮޑު، ކަނޑުދަތުރުފަތުރުތައް ގިނަ ޤައުމެއްކަމަށްވުމާއެކު ކަނޑު ދަތުރު ކުރުމުގައި މިފަދަ ވަގުތެއްގައި ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ރައްޔިތުންގެ ފުރާނައާއި މުދަލުގެ ސަލާމަތަށް ކޮންމެހެން ކުރަންޖެހޭނެ ކަމެއް،ވަކިން ޚާއްޞަކޮށް މިހާރު ކުރަމުންދާ ވިއްސާރައިގާ ވައިބާރުވެ، ކަނޑު ގަދަވެ، ރާޅު ބޮޑުވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާތެރި ޙާލަތްތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑު" ފުލުހުންގެ އިލްތިމާސްގައި ވެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ ރެޔާ މިއަދުވެސް ކަނޑުމަތީގެ ނުރައްކާތެރި ޙާދިސާތައް ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހިނގައި މީހުންނަށާ ތަކެއްޗަށް ބޮޑެތި ގެއްލުން ވަނީ ލިބިފައެވެ. ކަނޑުމަތީގެ ނުރައްކާތެރި ޙާދިސާތައް ވަނީ ހިނގާފައެވެ.ފުލުހުން ބުނީ މިފަދަ ވަގުތުތަކުގައި ކަނޑުމަތީގައި ހިނގާ ޙާދިސާތަކާ ގުޅިގެން އެހީވުމުގައިވެސް ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކަށާ ރައްޔިތުންނަށްވެސް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށެވެ.

"ވީމާ މިދުވަސްވަރު ކޮންމެހެން މަޖުބޫރުން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެނިހެން ދަތުރުތައް ކަނޑުމަގުން ނުކުރުމަށް އިލްތިމާސް ކުރަން، ވަކިން ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ކުރަންޖެހޭ ދަތުރުތައް މިދުވަސްވަރު ނުކުރުމަށް އިލްތިމާސް ކުރަން، ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރައްވައި އެކަށީގެން ނުވާ މިންވަރަށް މުދަލާ ލަކުޑިއާ ސިމެންތިއާ ހިލަވެލިފަދަ ބަރުމުދާ އަރުވައިގެން ދަތުރު ކުރެއްވުމުގައި ރައްކާތެރިކަން އިސްކުރުމަށް ހަނދުމަފުޅުކޮށް އަރުވަން" ފުލުހުންގެ އިލްތިމާސްގައި ވެ އެވެ.

މީގެ އިތުރުން ގިނަ ޢަދަދެއްގެ މީހުން ގޮވައިގެން ކަނޑުމަގުން ކުރާ ދަތުރުތަކާ، އެއްރަށުން އަނެއް ރަށަށް ފެރީތަކުގައި ކުރައްވާ ދަތުރުތަކުގައިވެސް ދަތުރުކުރައްވާ މީހުންގެ ރައްކާތެރިކަމަށާއި މުވާޞަލާތީ ކަންކަމަށް އިސްކަން ދެއްވުމަށް އިލްތިމާސް ކުރާ ކަމަށާއި ކުދި އޮޑިފަހަރުގައި މަސްވެރިކަމަށް ނުކުންނަވާއިރު އަދި ދަތުރުދިއުންފަދަ ކަންކަމަށް ރަށްރަށުން ފުރާއިރު އެކަމުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ޙިއްސާކުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށްބުނީ މޫސުން ގޯސްވެފައިވާ މިދުވަސްވަރު ދަތުރު ކުރެއްވުމުގެކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރު ކުރެއްވުމަށާއި ދަތުރަށް ފެއްޓެވުމުގެކުރިން ދަތުރުގެ މަޢުލޫމާތު ފުލުހުންނާ ސިފައިންނާ ކައުންސިލްތަކަށާ ކަމާބެހޭ އެހެނިހެން ފަރާތްތަކަށް ޙިއްސާކުރެއްވުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް