ހިލޭ އަންހެނަކާއެކު އެކަހެރިކޮށް ކޮޓަރިއެއްގައި ތަޅުލައިގެން އުޅުނު ކުށާއި ވައްކަމުގެ ކުށް ސާބިތުވި މީހަކު ދެ އަހަރާއި ތިން މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުޅުމާލޭ ކޯޓުން ހުކުމް ކޮށްފި އެވެ.
ވައްކަން ކުރުމުގެ ކުށާއި ހިލޭ އަންހެނަކާއެކު އެކަހެރިކޮށް ކޮޓަރިއެއްގައި ތަޅުލައިގެން ތިބި ކަމުގެ ކުށް ސާބިތުވި ކަމަށް ކަނޑައަޅައި މި ހިނގާ ޖޫން 02 ވަނަ ދުވަހު ޙުކުމް ކޮށްފައި ވަނީ ލ.ދަނބިދޫ ނަންރީތިގެ ،22 އަހަރުގެ އަލީ ސާމްގެ މައްޗަށެވެ.
ޢަލީ ސާމް 7 ޖުލައި 2014 ވަނަ ދުވަހު 03:00 ހާއިރު ހުޅުމާލޭ ފްލެޓެއްގެ ކޮޓަރިއެއްގައި ހިލޭ އަންހެނަކާއި އެކު ތަޅުލައިގެން ތިބި މައްސަލާގައި ދަޢުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއެވެ.
މި ދަޢުވާ ސާބިތުކުރުމަށް ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޢަލީ ސާމްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ ޢަލީ ސާމް 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.
މީގެ އިތުރުން އަލީ ސާމް 25 މާޗު 2014 ވަނަ ދުވަހު ހުޅުމާލޭ ފްލެޓް ނަމްބަރު 02-1-134 އިން، ޑެލް ބްރޭންޑުގެ ލެޕްޓޮޕަކާއި ސެމްސަންގް ގެލެކްސީ އެސް ޓޫ ބްރޭންޑުގެ ފޯނެއްގެ އިތުރުން އައިފޯން ތްރީޖީ އަދި ސެމްސަންގް އެސް ތްރީ ބްރޭޑުގެ ފޯނަކާއި އެޗް.ޕީ ބްރޭންޑުގެ ލެޕްޓޮޕަކާއި އޭގެ ޗާޖަރުގެ އިތުރުން ނޮކިޔާ ޗީ ތްރީ ބްރޭބްޑުގެ ފޯނެއް ވަގަށް ނެގި މައްސަލާގައި ދަޢުލަތުން ވަނީ ވައްކަންކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.
ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ، އޭނާ މިދަޢުވާއަށް އިންކާރު ކުރި ނަމަވެސް މިތަކެތި އޭނާ އަތުން ފެނި މިތަކެތި ލިބުނު ގޮތެއް އޭނާއަށް ސާބިތުކޮށްދެވިފައި ނުވާތީ އާއި މީނާގެ އަތުން އެތަކެތި ފެނިފައިވާ ކަމަށް ދެހެކިންގެ ހެކި ބަހުން ޝަރީޢަތަށް ސާބިތުވެފައިވާތީ އޭނާގެ މައްޗަށް ވައްކަން ކުރި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މި ކުށުގެ ޢޫޤޫބާތެއްގެ ގޮތުން 1 އަހަރާއި 9 މަސްދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް