ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން އެމްޑީޕީން ހުށަހަޅަނީ

ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަަކަށް ބަދަލުކުރުމަށް ސަރުކާރަށް ހުށަހަޅަން އެމްޑީޕީން މަސައްކަތް ފަށައިފި އެވެ. ސަރުކާރުން ދީފައިވާ މަޝްވަރާކުރުމުގެ ދައުވަތު ގަބޫލުކޮށް އެ މަޝްވަރާގައި ސަރުކާރަށް ހ...

04 Jun 2015 | 07:45

ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަަކަށް ބަދަލުކުރުމަށް ސަރުކާރަށް ހުށަހަޅަން އެމްޑީޕީން މަސައްކަތް ފަށައިފި އެވެ.

ސަރުކާރުން ދީފައިވާ މަޝްވަރާކުރުމުގެ ދައުވަތު ގަބޫލުކޮށް އެ މަޝްވަރާގައި ސަރުކާރަށް ހުށަހަޅާނެ ކަންކަމާއި ގުޅޭގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު އެކުލަވާލި ކަންކަމުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާއި އެކި ދައުވާތަކުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުން ދޫކޮށްލުން ހިމަނާފައިވެ އެވެ.

އެމްޑީޕީގެ މީޑިއާ ކޮމެޓީގެ ނައިބު މުގައްރިރު އައިިމިނަތު ޝައުނާ މިއަދު ވިދާޅުވީ އެ ނިންމުންތައް ފާސްކުރާނީ ގައުމީ ހިންގާ ކޮމިޓީއަށް ހުށަހަޅައިގެން ކަމަށެވެ. އަދި ސަރުކާރަށް ހުށަހަޅާނީ އިދިކޮޅު ދެ ޕާޓީ، ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއަށް ހުށަހަޅައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އެ ކަރުދާހުގައި ބުނެފައިވާ ގޮތުގައި، އޭރެއްގައި އޮންނަ ސަރުކާރަކަށް ރައްޔިތުންގެ ތާއީދު ނެތް ނަމަ ހިންގަން ދަތިވާނެ ކަން އެއީ، ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އެހެންކަމުން ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އަބަދުވެސް ސަރުކާރަށް ލިބި އޮންނަ ވެރިކަމަކަށް ބަދަލުކުރަން އެ ޕާޓީން ހުށަހަޅާނެ ކަމަށް ކަރުދާހުގައިވެ އެވެ.

އެމްޑީޕީން ސަރުކާރަށް ހުށަހަޅަން ނިންމާފައިވާ އިތުރުކަންކަމުގެ ތެރޭގައި މެއި އެކެއްގެ މުޒާހަރާގައި ހައްޔަރު ކުރި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމާއި، ވަޒީފާއިން މުވައްޒަފުން ވަކި ނުކުރުމާއި، ކައުންސިލަރުން ސަސްޕެންޑު ނުކުރުމާއި ހިޔާލުފާޅު ކުރުމަށް އަޅަމުންދާ ހުރަސްތައް ނައްތާލުމުގެ އިތުރުން ޑރ އަފްރާޝީމް އަލީއާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މިނިވަން ތަހުގީގެއް ކުރުން ހިމެނެ އެވެ.

މަޝްވަރާތަކުގައި އެކި ދާއިރާތައް އިސްލާހުކުރަން ވެސް ކަންކަން ހުށަހަޅަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހާއްސަ ސަމާލުކަމެއްދީގެން ޝަރުއީ ދާއިރާ އިސްލާހުުކުރަން ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ކަރުދާހުގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ އިސް މަގާމުގައި ނުވަތަ ސިޔާސީ މަގާމެއްގައި ހުންނަވަނިކޮށް ދައުވާ އުފުލައި ޖަަލަށް ހުކުމްކޮށްފައިވާ ބޭފުޅުންގެ ހުކުމް ތަންފީޒުކުރަން ގެއަށް ބަދަލުކުރަން ޖެެހެ އެވެ. ސަބަބަކީ އެ ބޭފުޅުންނާ މެދު ގެންގުޅުނު ސިޔާސީ އަދި ޒާތީ ސަބަބުތަކުގެ ފުންކަން ތިލަކުރަން ކަމަށް ވެސް ކަރުދާހުގައިވެ އެވެ.

އެ ބޭފުޅުންނަކީ ކަރުދާހުގައިވާ ގޮތުގައި، ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ.

ގައުމާއި ރައްޔިތުންގެ ފައިދާ އަށް އެދި މަޝްވަރާކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލީ އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަށެވެ. މަޝްވަރާތައް ނުފެށި ލަސްވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިހްލާސްތެރިކަމެއް ނެތުމުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް