އަވަހަށް ނިންމަން ކަނޑައަޅާފައިވާ ބިލްތަކަކާއި އެކު މަޖިލީހުގެ ދެވަނަ ދައުރު ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށައިފި އެވެ. އެއް މަސްދުވަހުގެ ޗުއްޓީއަކަށް ފަހު މަޖިލީޙުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށި އިރު ސަރުކާރުގެ ފަރާތުން ވަނީ ...

04 Jun 2015 | 05:19

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށައިފި އެވެ.

އެއް މަސްދުވަހުގެ ޗުއްޓީއަކަށް ފަހު މަޖިލީޙުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށި އިރު ސަރުކާރުގެ ފަރާތުން ވަނީ މުހިންމު ގާނޫނުތަކަކަށް އިސްލާހު ހުށަހަޅާފަ އެވެ. އަދި އެ އިސްލާހުތަކުގެ ތެރޭގައި އަވަހަށް ނިންމަން ކަނޑައަޅާފައިވާ އިސްލާހުތަށް ހިމެނެ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހަމަހަމަ އުސޫލަކުން ރޯދަ މަހުގެ އިނާޔަތް ދިނުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ހުށަހަޅާފައިވާ އިސްލާހު ފާހަގަކޮށްލެވެ އެވެ.

މިއަދުގެ ޖަލްސާގައި މި ތިން ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙު މަޖިލީހަށް ބަލައިގެންނަށް ފެނޭތޯ ވޯޓަށް އަހާނެ އެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުށަހަޅުއްވާފައިވާ ނަންފުޅުތަކެއް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުން ވެސް އޮންނާނެ އެވެ. އެގޮތުން ޔޫތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ހ. އާބަނޑޭރިއާގޭ އަހުމަދު ޒުހޫރާއި އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ހަލަވެލި، ބ. އޭދަފުށި ޑރ. އަހުމަދު ޒިޔާދުގެ އިތުރުން ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ހ. އޯކިޑު އިރުތިޝާމާ އާދަމްގެ ނަންފުޅު ދިރާސާ ކުރަން ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާނެ އެވެ.

އަދި ރާއްޖެއިން ނޭޕާލަށް ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް މ. މާހުރާ މުހައްމަދު ސަލީމްގެ ނަންފުޅާއި ބޫޓާނާ އަފްގާނިސްތާނަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ގ. އުފާ އަހުމަދު މުހައްމަދުގެ ނަންފުޅު ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވުންވެސް އޮންނާނެ އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ގޮސްފައި ވަނީ އިދިކޮޅު މެމްބަރުންގެ އިހުތިޖާޖުތަކާއި އެކުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް