ޔުމްނު ހޭ އަރައިފި: ޢާއިލާ

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު (ޔުމްނު) ހޭ އަރާފައިވާކަމުގައި ޔުމްނުގެ ޢާއިލާއި...

04 May 2025 | 14:43

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު (ޔުމްނު) ހޭ އަރާފައިވާކަމުގައި ޔުމްނުގެ ޢާއިލާއިން ބުނެފިއެވެ.

އެކަން ހާމަކޮށް މިރޭ ޔުމްނުގެ ޢާއިލާއިން ބުނެފައިވަނީ ޔުމްނު މިހާރު ހޭ އަރާފައިވާކަމަށާއި ހާލަތުވެސް "ސްޓޭބަލް" ކަމަށެވެ. އޮތީގައި އައިސީޔޫގައި ކަމަށާއި ހޭ އެރިނަމަވެސް ޔުމްނު ވަނީ "ފުން ޝޮކެއް"ގައި ކަމުގައިވެސް ޢާއިލާއިން ބުނެފައިވެއެވެ.

އެ ޢާއިލާއިން މިރޭ ފާހަގަކޮށްފައިވާގޮތުގައި ކާންދޭން ގުޅޭ "ފީޑިންގ ޓިއުބް" މިހާރު ވަނީ ނަގާފައެވެ. އަދި މި ހަފްތާގެ ބުރާސްފަތި ދުވަހު އިތުރު އޮޕަރޭޝަނެއް ކުރާނެކަންވެސް ފާހަގަކޮށްފައިވެއެވެ.

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއާއި ޓެރަސްއާއި ދެމެދުގައިވާ ވައިގޮޅިން ވެއްޓުނު ކަމަށް ބެލެވޭ ޔުމްނު ހ. މިޓާޒް ގޭގެ ފުރާޅު މަތީގައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 07:23 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ފަހުން ހާމަކުރި މަޢުލޫމާތަށް ބަލާއިރު ޔުމްނު ވެއްޓުނު ކަމަށް ބެލެވެނީ އެ ރޭގެ ފަތިހު 04:50 ހާއިރުގައެވެ.

މާލޭގައި ފަރުވާދިނުމަށްފަހު ޔުމްނުއަށް އިތުރަށް ފަރުވާ ދިނުމަށް ޢާއިލާއިން ޔުމްނު މެލޭޝިޔާއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް