ޑިސްކައުންޓު ދިނުމުގެ ކުރިން ބިލު ދެއްކި ފަރާތްތަކަށް އަންނަ މަހުގެ ބިލުން އެބައި އުނިކޮށްދޭނަން: ސްޓެލްކޯ އެމްޑީ

އޭޕްރީލް މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓް ދޭން ނިންމި އިރު އެ ބިލުތައް ދައްކާފައިވާ ފަރާތްތަކަށް އެބައި އަންނަ މަހުގެ ބިލުން އުނިކޮށްދެއްވާނެކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ...

04 May 2024 | 14:19

އޭޕްރީލް މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓް ދޭން ނިންމި އިރު އެ ބިލުތައް ދައްކާފައިވާ ފަރާތްތަކަށް އެބައި އަންނަ މަހުގެ ބިލުން އުނިކޮށްދެއްވާނެކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ މިއަދު މިކަމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެމްޑީ ވިދާޅުވެފައިވަނީ ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ނިމިދިޔަ ރޯދަމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓް ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ވާނީ ރައީސްގެ ވައުދުފުޅާއިއެއްގޮތަށް ތަންފީޒުކޮށްފައިކަމަށާއި އެގޮތުން ރޯދަމަހުގެ ދުވަސްތައް ހިމެނޭހެން އޭޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާއިރު، ރޯދަމަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓް ހިމެނުމަށްފަހު މިރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޑިސްކައުންޓް ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓް ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ވަނީ ހަމަޖެހިފައި" އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވާގޮތުގައި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައްޔާއި، ރައްޔިތުންނަށް ލުއިފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް