ރާއްޖޭގައި ބަނދަރުކޮށްފައިވާކަމަށްބުނާ ޗައިނާގެ ކަނޑު ދިރާސާ ބޯޓާއިމެދު އިންޑިއާއިންތިބީ ސަމާލުވެކަމުގައި އެ ގައުމުން ބުނެފިއެވެ.
އެ ގައުމުން މިހެން ބުނީ އިއްޔެ ބޭއްވި އެ ގައުމުގެ ހާރިޖީ ވުޒާރާގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް އަށް ނޫސްވެރިއަކު ކުރިމަތިކުރުވި ސުވާލަކަށް ޖަވާބުދެމުންނެވެ.
އެގޮތުން ތަރުޖަމާނު ޖައިސްވާލް ވިދާޅުވެފައިވަނީ އަވަށްޓެރި ގައުމުތަކުގައި ހިނގަމުން އަންނަ އިންޑިއާގެ ދާހިލީ އަދި އިގްތިސާދީ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ކޮންމެކަމަކާއިމެދު އިންޑިއާއިން ތިބޭނީ އަބަދުވެސް ސަމާލުވެ ފާރަވެރިވެ ތައްޔާރަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއިއެކު ރާއްޖެއިން ކުރިން ގެންގުޅެމުންދިޔަ އިންޑިއާ ފަސްޓް ޕޮލިސީ ވަނީ ބަދަލުކުރައްވާފައެވެ. އޭގެ ބަދަލުގައި ދެން ރާއްޖެއިން ގެންގުޅޭނީ މޯލްޑިވްސް ފަސްޓް ޕޮލިސީ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރާއެކު ރާއްޖެ-އިންޑިއާ ގުޅުމުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު ރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ފައިބާ ނިމޭނެކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
އިންޑިއާގެ ކަންބޮޑުވުމަކަށް އަދި ޝަކުވާއަކަށްވަނީ ރާއްޖެއިން އިންޑިއާ ފަސްޓް ޕޮލިސީ ދޫކޮށް ޗައިނާ ފަސްޓް ޕޮލިސީއަށް ހިޖުރަކުރާކަމަށްބުނެ ކުރާ ޝަކުވާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް