ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމާއި މާޅެންދޫ ޖެޓީ ތަރައްޤީކުރުން އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.
މިކަން ހާމަކޮށް މިއަދު އެމްޓީސީސީން ބުނީ ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމާއި މާޅެންދޫ ޖެޓީ ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 127 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 15 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 420 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ހަރުކުރުމާއި، 13,556 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ރީޕްލެނިޝް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަކީ 11.91 މިލިއަން ރުފިޔާއަށް 150 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ މާޅެންދޫ ޖެޓީ ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 9,735 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 73 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 386 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށެވެ.
އަދި 175 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 47 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގ ބޯއީސް ހަރުކުރުމާއި، 30 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ޖެޓީއެއް ހެދުމާއި، 928 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މި މަޝްރޫޢަކީ 32.34 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި ދެ ރަށުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
ހަމައެހެންމެ މި ދެ ރަށުގެ މަޝްރޫޢު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް