ޙަވާލު ކޮށްފައިވާ ޒިންމާ އަދާނުކުރާނަމަ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިއުވާން ވިދާޅުވީ، ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސަރުކާރާއެކު މަސައްކަތް ނުކުރެވޭ ބޭފުޅުންނަށް ސަރުކާރުން ވަކިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަދި އެބޭފުޅުންނާ ޙަވާލު ކުރަށްވާފައިވާ ޒިންމާ އަދާ ނުކުރަށްވާނަމަ އޮންނަ އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މިއުވާން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒު ނުކުރެވޭނަމަ، ސިޔާސީ މަޤާމުތަކުން މީހުން ވަކި ކުރުމަކީ ރައީސް ކުރައްވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މި ސަރުކާރުން ސިވިލްސަރވިސް ވަޒީފާތަކުގައި ތިއްބަވާ ބޭފުޅުންނަށް ވަޒީފާގެ ބިރު ދައްކައި އެމީހުންގެ ހައްޤުތަކަށް އަރައި ނުގަންނާނެ ކަމަށް މިއުވާން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް