އާބަންކޯ އިން ހުޅުމާލޭ ބީޗުގައި އާންމުންގެ ހިންހަމަޖެހުމަށް އެކި ހަރަކާތްތަކަށް މަގުފަހިކޮށްދީފި

އާބަންކޯ އިން ހުޅުމާލޭ ބީޗުގައި އާންމުންގެ ހިންހަމަޖެހުމަށް އެކި ހަރަކާތްތައް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދީފިއެވެ. މިކަން ހާމަކޮށް އާބަންކޯ އިން ބުނީ އަރބަންކޯ އިން ހުޅުމާލެ އަރބަން އަދި ޒަމާނީ ތަ...

04 May 2023 | 14:48

އާބަންކޯ އިން ހުޅުމާލޭ ބީޗުގައި އާންމުންގެ ހިންހަމަޖެހުމަށް އެކި ހަރަކާތްތައް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދީފިއެވެ.

މިކަން ހާމަކޮށް އާބަންކޯ އިން ބުނީ އަރބަންކޯ އިން ހުޅުމާލެ އަރބަން އަދި ޒަމާނީ ތަނެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނައިރު، އެންމެ ބޮޑު އެއް އިސްކަމެއްދޭ ކަމަކީ ހުޅުމާލޭގައި މުޖުތަމައުގެ ބަދަހިކަން އިތުރުކޮށް، އާންމުންނަށް ހިތްފަސޭހަ ހިތްގައިމު މާހައުލެއް ބިނާކުރުމަށް ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ ބީޗު ސަރަހައްދުގައި އެ ކުންފުނީގެ ފަރާތުން ވާނީ އާންމުންގެ ހިންހަމަޖެހުމަށް އަދި އާންމުން ބޭނުންވާފަދަ އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްދީފައި ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އޭގެ ތެރޭގައި ކެފޭ، ޓޭކްއަވޭ ޝޮޕްސް، އަދި ވަކިން ޚާއްސަކޮށް ވޯޓާސްޕޯޓްސް ވިޔަފާރިއަކީ ވެސް ހުޅުމާލޭގެ ބީޗު ސަރަހައްދުގައި ހިންގަމުން އަންނަ ކަމެއް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މިފަދަ ވިޔަފާރިތަކަށް ބީޗު ސަރަހައްދުން ޖާގަ ދީފައިވީ ނަމަވެސް، މިކަންކަމަށް ހުއްދަ ދީފައިވާނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އާބަންކޯ އިން ބުނީ ބީޗަކީ އާންމުން ބޭނުންކުރާނެ ޖާގަ ތަނަވަސް އަދި އަތޮޅުތެރޭގެ ރަށްރަށުން ވެސް ލިބޭ ފަދަ ދޮންވެލި ސާފު ބީޗެއްގެ ތަޖުރިބާ ލިބިދޭނެ ފަދަ ތަނަކަށް ހެދުމަށް އަރބަންކޯއިން މަސައްކަތް ކުރަމުން އަންނައިރު، މިކަމުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބީޗު ސަރަހައްދުގައި ވިޔަފާރިތައް ހިންގަމުން އަންނަ ބައެއް ފަރާތްތަކުން އޮންނަ އުސޫލުތަކާ ޚިލާފުވުން ކަމަށެވެ.

ހަމައެހެންމެ ވޯޓަރސްޕޯޓްސް ވިޔަފާރި އަކީ އާންމުންގެ މުނިފޫހިފިލުވުމާއި، އުފާވެރި މާހައުލެއް ގާއިމްކުރުމަށް ބީޗުގައި ހިންގާ ކަމަކަށް ވާއިރު، އާންމުންނަށް ބޭނުންވާ ފެންފުޅި އަދި ލުއިކާނާ ފަދަ ތަކެތި ޓޭކްއަވޭގެ ގޮތުގައި އެތަން ތަނުން ވިއްކަން ހުއްދަ ދީފައިވާނީ އާންމުންނަށް ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

މީގެ އިތުރުން އާބަންކޯ އިން ބުނީ ވޯޓާ ސްޕޯޓްސް ވިޔަފާރިކުރާ ފަރާތްތަކަށް އެ ޚިދުމަތް ދިނުމުގެ ހުއްދަ އެ ކުންފުނީގެ ފަރާތުން ދީފައިވީ ނަމަވެސް، ބީޗު ސަރަހައްދުގައި ގޮނޑި އަދި މޭޒު ޖަހައި ކެފޭ އުސޫލުން ޚިދުމަތް ދިނުމަކީ މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

އަދި އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ދަތިވުމާއި، ބީޗުގެ މާހައުލު ގެއްލޭކަމުގެ ޝަކުވާ އެ ކުންފުންޏަށް އެކި ފަހަރުމަތިން ވަނީ ލިބިފައި ކަމަށާއި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ހުޅުމާލެ އަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

މި މަގްސަދުގައި އާބަންކޯ އިން ހަދާފައިވާ މިފަދަ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް