މާދަމާރޭ ހިފާ ހަނދުކޭތަ އާއި ގުޅިގެން ރާއްޖޭގެ އެއްވެސް ރަށެއްގައި ކޭތަ ނަމާދު ނުކުރާ ގޮތަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ މާދަމާ ރޭ (05 މެއި 2023) ގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހަނދުކޭތަ ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދެއްކި ނަމަވެސް ހަނދުގެ އެއްވެސް ބަޔަކުން އަލިކަން މުޅިން ފިލައިގެން ގޮސް އަނދިރިކަން ނުހުންނާނެ ކަމަށެވެ.
އަދި ފަނޑު ހިޔަންޏެއްގެ ގޮތުގައި ހަނދަށް އެޅިފައި ހުންނާނީ ވަރަށް ފަނޑު އަނދިރިކަމެއް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން މި ސަބަބުތައް ހުރުމުން ފަލަކީ ކޮމެޓީގެ ލަފައާއެކު އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ މާދަމާ ރޭ ކޭތަނަމާދު ރާއްޖޭގެ އެއްވެސް ރަށެއްގައި ނުކުރާ ގޮތައް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މާދަމާރޭ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާފައިވާ ހަނދު ކޭތަ އަކީ މި އަހަރުގެ ފުރަތަމަ ހަނދުކޭތަ އެވެ. އެގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މާދަމާ ރޭ ހިފާ ހަނދުކޭތަ ހިފަން ފަށާނީ ރޭގަނޑު 8:15 ގައި ކަމަށެވެ. އަދި ހަނދު ކޭތަ ހިފާ ނިމޭނީ މެންދަމު 12:30 ގައި ކަމަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ ހަނދުކޭތަ ހިފާ ވަގުތު އެންމެ ގަދައަށް ހިފާނީ ގަޑިން 10:22ގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް