މިރޭގެ މޫސުމަށް ބަލައިލާއިރު ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މާދަމާގެ އިރު އެރުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި އުތުރުގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރާނެއެވެ. އަދި ގުގުރުން އެކަށީގެންވެއެވެ.
މިރޭ ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި، މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލު ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ބުނެއެވެ.
"ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މިރޭ ކަނޑުތަކަށް ބަލައިލާއިރު ބުނެފައިވާގޮތުގައި މެދުރާއްޖެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެއެވެ. އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައެވެ.
ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ދެކުނާއި މެދުރާއްޖޭގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް