އަންނަ ހަފްތާގެ އަންގާރަ ދުވަސް އެހާކަންހާތާނގައި ބަންގާޅު ކަނޑުގެ އިރު ދެކުނުން ތޫފާނެއް އުފެދޭނެކަމުގައި ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ބުނެފިއެވެ.
އިންޑިއާގައި ގާއިމްކޮށްފައިހުންނަ ސަރަހައްދީ މޫސުމުގެ އިދާރާ، ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރ (އާރްއެސްއެމްސީ) އިން ބުނެފައިވަނީ ހޮނިހިރު ދުވަހު ބަންގާޅުކަނޑުގައި ސައިކްލޯނިކް ސާކިއުލޭޝަނެއް އެބަ އުފެދޭ ކަމަށާއި ޖެހިގެން އަންނަ ދުވަހު ލޯ ޕްރެޝަރަކަށް ބަދަލުވެ ހޯމަ ދުވަސް ހާތާނގައި ލޯ ޕްރެޝަރު ކޮޅިގަނޑަކަށް ބަދަލުވާނެކަމުގައި ބެލެވޭ ކަމަށެވެ.
އަދި އެއަށްފަހު ނުވަ ވަނަ ދުވަހު (އަންގާރަ ދުވަހު) ތޫފާނަކަށް ބަދަލުވާނެކަމުގައި ލަފާކޮށްފައިވެއެވެ.
މި ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން މޯކާ (mocha) އެވެ. ތޫފާނަށް މި ނަން ދީފައިވަނި ޔަމަނުންނެވެ. ޔަމަނުން މި ނަން ތުފާނަކަށް ދީފައިވަނީ ޔަމަނުގެ މޯކާ ސިޓީއާއި ގުޅުވައިގެންނެވެ.
ބަންގާޅު ކަނޑާއި އަރަބި ކަނޑުގައި އުފެދޭ ބައެއް ތޫފާނުތަކުގެ ނުސީދާ އަސަރު ރާއްޖެއަށް ވަރަށް ގިނައިން ކުރާކަން ފާހަގަކުރެވެއެވެ. މިީ މި ހިނގާ2023 ވަނަ އަހަރު މި ސަރަހައްދުގައި އުފެދޭ ފުރަތަމަ ތޫފާންކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް