ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިހުރިހާ ދުވަހު ދެއްކީ ހުސް ވާހަކަތަކެއްކަން އެނގިއްޖެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު ކަނޑަނާޅާ އޮތްކަމަށް ނުބުނެވޭނެ ކަމަށާއި އެއީ ހަމަ ބުހުތާނު ދޮގު ކަމުގައި ޑރ. މުނައްވަރު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ. ޑރ. މުނައްވަރު މިހެން ވިދާޅުވީ ރާއްޖެ-މޮރިޝަސް އިން ވަކި ކުރުމުގެ މައްސަލައިގާ ހުރި ކަންބޮޑުވުންތަކާއެކު ސިޔާސީ ބައެއް ފަރާތްތަކާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
މިނިސްޓަރު ވިދާޅުވީ ޗާގޮސް އަލޯ ރާއްޖޭގެ ތަނެއް ކަމަށް ޑރ. މުނައްވަރަށް ވިދާޅުވާން ކެރިވަޑައިގެންނެވުމުން މިހުރިހާ ދުވަހު ވިދާޅުވީ ނަތީޖާއެއް ނެތް ހުސް ވާހަކަ ތަކެއްކަށް ސާފުވެ ހާމަ ވެއްޖެ ކަމަށެވެ.
ޑރ. މުނައްވަރު އިއްޔެ ވިދާޅުވީ ގާނޫނޫ އަސާސީ ވުޖޫދުވަމުންދިޔައިރު ރާއްޖޭގެ ވަށައިގެން މިންއަޅަމުންދިޔައީ އާކިޕެލަޖިކް ބޭސް ލައިނުން ކަމަށާއި އެހެން ނަމަވެސް އޭރު އަދި އެއީ ފަރިތަ ބަހަކަށް ނުވާތީ ބޭރު ގައުމުތަކުން އެކަމަށް އިއުތިރާޒު ކުރަމުންދިޔަ ކަމަށެވެ.
އެއަށްފަހު ރޮނގު ދަމަމުންދިޔައިރު ކޮމަންވެލްތުގެ ޓީމެއްވެސް އައިސް ކަންކަން ބަލަމުންދިޔަކަން ފާހަގަކުރައްވަމުން ޑރ. މުނައްވަރު ވިދާޅުވީ ދެކުނުން ބޯޑަރު އަޅާއިރު ފުށުއަރާނެކަމަށް އެބޭފުޅުން ފާހަގަކުރަމުންދިޔަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް