ދަތުރުތައް ފެށުމުގެ ކުރިން މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށް މެރިން ޕޮލިސް އިން އިލްތިމާސްކޮށްފިއެވެ.
އެގޮތުން މެރިން ޕޮލިހުން ބުނެފައިވަނީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މޫސުން ގޯސްވަމުންދާތީއާއި މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނޑުމަތީގެ އެކި ހާދިސާތައް ހިނގަމުންދާތީ، ހާއްސަކޮށް ކަނޑު ދަތުރު ކުރުމުގެ ކުރިން މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށް އިލްތިމާސްކުރާ ކަމަށާއި އަދި މޫދު ކުޅިވަރުތަކާއި މޫދަށް އެރި އުޅުމުގައި ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރެއްވުމަށްވެސް އިލްތިމާސްކުރާކަމަށެވެ.
މެރިން ޕޮލިހުން މިހެން ބުނެފައިވާއިރު ރާއްޖޭގެ ސަރަހައްދުގައި މޫސުން ގޯސްކަމަށް މެޓުން ބުނެފައިވެއެވެ.
މިރޭގެ މޫސުން ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިންވެސް ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ކަނޑުތަކާއި ބެހޭގޮތުން ބުނެފައިވަނީ އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.
ރާޅުގެ އުސްމިންވެސް މިރޭ ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް