ފުވައްމުލަކު ސިޓީ “ޓައިގާ ޝާކް” ޕޮއިންޓު ކައިރިއަށް ޑައިވިނަށް ދިޔަ މުހައްމަދު ސައީދު ގެއްލުނު ސަރަހައްދުން ޑައިވް ގަޑިއެއް ފެނިއްޖެ އެވެ.
އުމުރުން 35 އަހަރުގެ ސައީދު ގެއްލިގެން އެންއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކުރީ މިމަހުގެ ދެ ވަނަ ދުވަހުގެ ހަވީރު 3:35 ގައި އެވެ. އެމީހާ ޑައިވިނަށް ފޭބި ކަމަށްވަނީ އެ ދުވަހުގެ މެންދުރު 2:30 ހާއިރު އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އޭނާ ހޯދުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ދަށުން މިއަދު ހަތަރު ޑައިވް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން އެއް ޑައިވްގައި އެ ސަރަހައްދުގެ ކަނޑުގެ68 މީޓަރު އަޑިން ޑައިވް ގަޑިއެއް ފެނިފައިވާ ކަމަށެވެ.
އިތުރު ތަފްސީލް އަދި މިއަދު ހާމައެއް ނުކުރެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އިއްޔެ އޮޕަރޭޝަންގެ ތެރެއިން ކުރި ޑައިވް އަކުން ސައީދު މަސް ހިފަން ގެންގުޅުނު ކަމަށް ބެލެވޭ އާލާތެއް ފެނިފައިވާ ކަމަށެވެ. ސްލޯޕެއްގޮތަށް އުފެދިފައިވާ އެ ސަރަހައްދުގެ ފުންމިނުގައި މި އާލާތްފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ.
މިތަކެތި ފެނުނު ނަމަވެސް ސައީދުގެ އެއްވެސް ހިލަމެއް އަދި ނުވެ އެވެ.
ސައީދު އެ ދުވަހު ޑައިވިނަށް ފޭބި އިރު ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެކެވެ. އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑަށް އޭނާ އާއި އެކު މަސައްކަތް ކުރާ މީހުން މައުލޫމާތު ދީފައިވެ އެވެ.
އެމްއެންޑީއެފުން ބުނީ ސައީދު ހޯދުމަށް ހުއްޓުމެއް ނެތި ކަނޑާއި ވައިގެ މަގުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޯސްޓުގާޑުގެ ދެ ހާބާކްރާފްޓު އުޅަނދާއި ޑޯނިއާ ފްލައިޓުގެ އިތުރުން ފުވައްމުލަކުގައި މަސައްކަތް ކުރާ ޑައިވަރުންވެސް ދަނީ އޭނާ ހޯދުމަށް އެހީތެރިވަމުން ކަމަށް މައުލޫމާތުދެ އެވެ.
ކޯސްޓްގާޑުން ވަނީ ސައީދު އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންނަށް ނުވަތަ އެ އިދާރާއަށް އެންގުމަށް އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް