އިންޑިއާގެ އުތްރަހާންދް ސްޓޭޓްގެ އަވަށެއްގެ ހިންދޫ އާއިލާއެއްގެ ބިމެއް އެ އަވަށުގެ މުސްލިމުންނަށް ހަދިޔާކޮށްފި އެވެ.
އެއީ އެ ސްޓޭޓްގެ ރުދްރަޕޫރުގެ ވިލެޖެއްކަމަށްވާ ބައިލީޖޫދީގައި އޮތް 20،424 އަކަފޫޓުގެ ބިމެކެވެ. މި ބިން ރެޖިސްޓްރީކޮށްފައި އޮތީ ހިންދޫ ދީނުގެ ފިރިހެނެއްގެ ދެ ދަރިންގެ ނަމުގައި އެވެ.
އެ ދެ އަންހެނުން އެ ދެ ބިން އެއްކޮށްލުމަށް ފަހު އެ އަވަށުގެ މުސްލިމް ކޮމިއުނިޓީއަށް ވަނީ ބިން ރެޖިސްޓްރީކޮށްދީފަ އެވެ. އެ ދެ އަންހެނުން ބުނީ އެމީހުންގެ ބައްޕަ މަރުވުމުގެ ކުރިން ދެ އަންހެން ދަރިންގެ އިތުރުން ހުރި ހަމަ އެކަނި ފިރިހެން ދަރިއަށް ބިން ބަހާފައިވާ ކަމަށެވެ.
އަންހެން ކުދިންގެ ބިންތައް މުސްލިމުންނަށް ހަދިޔާ ކުރީ ބައްޕަ 2003 ވަނަ އަހަރު މަރުވުމާއި ޖެހެންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައި ދިނުމަށް ކަމަށް ބުނެފައިވެ އެވެ. އެމީހުން ބުނީ މުސްލިމުންނަށް ހަދިޔާ ކުރަން ބައްޕަ ބޭނުންވީ ދެ އަންހެން ދަރިންގެ ބިން ކަމަށެވެ.
އެ ދެ އަންހެނުން ބުނީ އެމީހުންގެ ބައްޕަ އަކީ މުސްލިމުންނާއި މެދު އިންޑިއާގައި ގެންގުޅޭ ތަފާތު ކުރުންތަކާއި އަބަދުވެސް ދެކޮޅު ހަދައި ވެވެން އޮތް ވަރަކުން މުސްލިމުންނަށް އެހީވަމުން ދިޔަ މީހެއް ކަމަށެވެ. އެހެންވެ ދީނީ ތަފާތު ކުރުންތައް ނައްތާލުމަށް ބައްޕަ ދުނިޔޭގައި ހުރި އިރުވެސް އަވަށުގައި އެހެން ދީންތަކުގެ މީހުން ކުރާ ދީނީ ކަންކަމުގައި އެހީތެރިވި މީހެއް ކަމަށެވެ.
އެ ސަރަހައްދުގެ މުސްލިމް ކޮމިއުނިޓީން ބުނީ އެ ބިމުގެ ރެޖިސްޓްރީ ބަދަލު ކުރުމާއި އެކު އެތަނުގައި ވަށާ ފާރު ރޭނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަހަރުގެ ފިތުރު އީދު ފާދަ ކުރަން އެ ބިމުގައި 20،000 އަށްވުރެ ގިނަ މުސްލިމުން ޖަމާއަތުގައި ނަމާދުކޮށް އުފާ ފާޅު ކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދަމުންދާ ކަމަށެވެ.
އެ ދެ އަންހެނުންނަށް އާއިލާއިން ލިބުނު ބިން މުސްލިމުންނަށް ހަދިޔާ ކުރި އިރު އެމީހުން ދިރިއުޅެނީ ކައިވެނިކޮށްގެން އަމިއްލަ އާއިލާތަކާއި އެކު އެހެން ސްޓޭޓްތަކުގައި އެވެ. އެހެންވެ އެ ބިމަކީ އެމީހުން މިހާރު ބޭނުންވެސް ކުރާ ބިމެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް