ރާއްޖެ ޓްރާންސްޕޯޓް ލިންކްގައި އިއްޔެ ފަސް ރޫޓަކުން 234 މީހުން ދަތުރުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ދިވެހިރާއްޖޭގެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ (ހއ. ހދ. ށ)ގެ އަތޮޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިދުމަތް ފެށުމަށް ހަމަޖެހިފައިވާ ހދ. އަތޮޅުގެ ރަށްތަކުގެ ހދ އަތޮޅުގެ 13 ރަށް ހިމެނޭހެން ފަސް ރޫޓުގެ ދަތުރުތައް ފަށާފައި ވަނީ މެއި މަހުގެ ދެވަނަ ދުވަހު ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ހާމަކުރެއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ އެ ދަތުރުތައް ޝެޑިއުލާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން އިއްޔެ އެކަނިވެސް 5 ރޫޓަކުން 234 މީހުން ދަތުރުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކުރެއެވެ.
އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގަ ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ފެރީތަކެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
އަދި މިހާރު ފޯރުކޮށްދެވޭ ފެރީގެ ހިދުމަތަށްވުރެ ފުރިހަމަ އަދި ސްޕީޑް އަވަސް ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައްވެގެންދާނެ ކަމަށާއި މި ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކުރެވިފައި ކަމަަށް އެ ކުންފުނިން ބުނެއެވެ.
ޢީދު ބަންދާއި ދިމާކޮށް މި ޚިދުމަތް ފެށިގެން ކުރިއަށްދާއިރު ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން މިމަހުގެ 10ގެ ނިޔަލަށް ހދ. އަތޮޅުގައި ކުރެވޭ ދަތުރުތައް މުޅިން ހިލޭ ފޯރުކޮށްދެވޭނެ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
އާރްޓީއެލްގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭ މުއްދަތުގެ ތެރޭގައި ފެރީގެ ޖާގަ ހޯދޭނީ ހަމައެކަނި ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.
އަދި މި މުއްދަތަށްފަހު 11 މެއި 2022 އިން ފެށިގެން އާރްޓީއެލްގެ ފެރީ ހިދުމަތްތައް ކަނޑައެޅިފައިވާ ރޭޓްތަކުގައި ފައިސާ ނެގެމުންދާނެއެވެ. އާރްޓީއެލްގެ ފެރީ ހިދުމަތަށް ފައިސާ ނަގަންފެށުމާއެކު ކައުންސިލް މެދުވެރިކޮށް ޖާގަ ހޯދުން ހުއްޓާލެވޭނެ ކަމަށާއި އެހެންކަމުން 11 މެއި އިން ފެށިގެން އާރްޓީއެލްގެ ފެރީގެ ހިދުމަތުގެ ޓިކްޓް ބައްލަވައިގަތުމަށް ކަސްޓަމަރުން ބޭނުންކުރަންޖެހޭނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕެވެ.
އެގޮތުން https://rtl.mv ނުވަތަ https://app.rtl.mv ލިންކްގެ ޒަރީއާއިން ކަނޑައެޅިފައިވާ ރަސްމީ ވެބްސައިޓަށް ޒިޔާރަތް ކުރެވޭނެއެވެ. އަދި
(rtl travel app) އެޕް ސްޓޯރް އަދި ގޫގަލް ޕްލޭ ސްޓޯރް މެދުވެރިކޮށް ޑައުންލޯޑް ކޮށްލެވޭނެއެވެ. އެހެންކަމުން އެޕް އަދި ވެބްސައިޓަށް އަހުލުވެރިވުމަކީ ކުރިއަށް އޮތްތަނުގައި ހިދުމަތް ލިބިގަތުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމުގައި އެމްޓީސީސީން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް