ރައީސް ޔާމީން ސައިޒުކޮށްލާނެކަމަށް ބުނި މައްސަލަ 241 ކޮމިޓީއަށް

މޯލްޑިވްސް ޔޫތު ފޯސް ނަމުގައި ކުއްލިއަކަށް ވުޖޫދުވި ބަޔަކު ރައީސް ޔާމީން ސައިޒުކޮށްލާނެކަމަށް ބުނި މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފިއެވެ. ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންޒާރުދީ...

04 May 2022 | 08:05

މޯލްޑިވްސް ޔޫތު ފޯސް ނަމުގައި ކުއްލިއަކަށް ވުޖޫދުވި ބަޔަކު ރައީސް ޔާމީން ސައިޒުކޮށްލާނެކަމަށް ބުނި މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންޒާރުދީ، ޔޫތު ފޯސް މޫވްމަންޓުން އާންމުކުރި ވީޑިއޯގެ މައްސަލަ އެ ކޮމިޓީއަށް ހުށަހެޅީ ރައީސް ޔާމީންގެ ކޮއްކޯފުޅު، ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނެވެ.

މި މައްސަލަ ބަލައިދިނުމަށްއެދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޣައްސާން ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުންދޭނެކަމަށް އެ ވީޑިއޯގައި ބުނާކަމަށެވެ.

އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލަންފެށިކަން ޔަގީންނުވާކަމަށްވެސް ޣައްސާންގެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން ޣައްސާން އެދިލައްވާފައިވަނީ އެ މައްސަލަ 241 ކޮމިޓީން ބަލައިދިނުމަށާއި އެ މައްސަލައާއިމެދު ސަލާމަތީ ހިދުމަތްތަކުން އަމަލުކޮށްފައިވާގޮތް ބަލައިދިނުމަށެވެ.

މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ކުއްލިއަކަށް ވުޖޫދުވި ސިޔާސީ މި މޫވްމަންޓުން އިއްޔެ ވަނީ ރައީސް ޔާމީންގެ ގެކޮޅުގެ ކައިރީގައިވެސް އިހުތިޖާޖުކޮށްފައެެވެ. އިއްޔެ ހަވީރު 04:00 ހާއިރު ފެށި އެ އިހުތިޖާޖު ނިންމައިލީ ފަހެއް ޖަހާން އުޅެނިކޮށް އެ ސަރަހައްދަށް ފުލުހުން ދިއުމުންނެވެ.

އެ މޫވްމަންޓުން ސޯޝަލް މީޑިއާގައި އާންމުކުރި ފުރަތަމަ ވީޑިއޯގައި ބުނެފައިވަނީ މޯލްޑިވްސް ޔޫތު މޫވްމަންޓަކީ ސުލްހަވެރި ހަރަކާތެއް ކަމަށާއި ރައީސް ޔާމީން "ސައިޒުކޮށްލާނެ" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް