ކޯވިޑް-19 ފެތުރޭތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ އެކުވެސް ޝަރުއީ ކޯޓުތައް ބަންދުނުކޮށް ހިދުމަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސަރަހައްދުގެ ކޯޓުތަކާއި، ކޯވިޑާއި ގުޅިގެން އެޗްޕީއޭއިން ހާއްސަ ފިޔަވަޅުތައް އަޅާފައިވާ ރަށްރަށުގެ ކޯޓުތަކުގެ މަސައްކަތްތައްވެސް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށެވެ.
ކޯވިޑް ކޭސްތައް ރާއްޖޭގެ ގިނަ ރަށްރަށުގައި އަދި ހާއްސަކޮށް މާލޭގައި އިންތިހާއަށް ވަނީ އިތުރުވެފަ އެވެ. އިއްޔެ އެކަނިވެސް މާލެއިން 400 އާ ގާތްކުރާ އަދަދަށް މީހުން ޕޮޒިޓިވްވި އެވެ. އަދި މުޅި ރާއްޖެއިން 585 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިއަދު އެ އަދަދު މައްޗަށް ޖެހި ޖުމުލަ601 މީހަކު ޕޮސިޓިވްވެފައި ވެއެވެ.
ކޯވިޑް-19 ކޭސްތައް އިންތިހާއަށް އިތުރުވަމުން ދާތީ އެޗްޕީއޭއިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭގެ ތެރޭގައި ސުކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހެދުމާއި ސަރުކާރުގެ އޮފީސްތައް މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް ބަންދުކުރަން ނިންމުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް