އެނދު މަދުވުމަށް ވުރެ ބޮޑަށް ހާސްވަނީ ސިއްހީ ޚިދުމަތްތެރިން މަދުވެދާނެތީ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު، އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވި، ރާއްޖޭގައި މިހާތަނަށް ހުންނެވި ހަމައެކަނި ޕީޑިއޮޓްރިކް އިންފެކްޝަސް ކޮންޓްރޯލްގެ އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ރ. ނަޒްލާ މުސްތަފާ ހިމެނިވަޑައިގަންނަވާ ގޮތުން ޑޮކްޓަރުންގެ ޓީމެއް (ޓެގް) އެކުލަވާލައި، މި ވައިރަހުން ސަލާމަތްވުމާ ގުޅޭ ހުރިހާ ލަފާތަކެއް ދިނުމުގެ ޒިންމާ ވަނީ ހަވާލުކޮށްއެވެ. އެކި ގައުމުތަކުގައި ވައިރަހުގެ ނުރައްކާ އޮތް މިންވަރުގެ މައްޗަށް، ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް ރާއްޖެ އިން ކުރި ހޯދޭނެ ގޮތްތަކެއް ހޯދުމަށެވެ.
ޑރ. ނަޒްލާގެ އިތުރުން ޑރ. އަލީ ލަތީފާއި ޑރ. އަހުމަދު ޒިޔާން އާއި ޑރ. އަހްމަދު ޝަހީދާއި ޑރ. މޫސާ ހުސައިން ގެންދަވަނީ އެ ޒިންމާ ފުރިހަމަ އަށް އަދާކުރައްވަމުންނެވެ. ވައިރަސް ފެތުރުމުގެ ފުރުސަތެއް ނުދީ އަޅަން ޖެހޭ ފިޔަވަޅުތައް ބަލައި، އެންމެންނާ މަޝްވަރާކޮށް ގޮތް ނިންމެވުގައި އެ ބޭފުޅުން އުޅުއްވަނީ އަވަދިނެތި އެވެ.
އެންމެ ފުރަތަމަ ޑރ. ނަޒްލާ މަސައްކަތް ކުރައްވަމުން ގެންދެވީ އެންޓިބައޮޓިކް ރެސިސްޓެންޓް ޑިޕާޓްމެންޓުގެ ކަންކަން ކުރިއެރުވުމުގަ އެވެ. އެންޓިބައޮޓިކް ބޭނުންކުރާނެ، ރަނގަޅު ގައިޑްލައިންތަކެއް ހެއްދެވުމާއި ސާވޭ ހެއްދެވުމާއި ވެކްސިންގެ ކަންކަމުގައި އޭނާގެ ދައުރު ބޮޑެވެ.
މި ކަންކަމުގެ ތެރޭގައި އުޅުއްވަނިކޮށް، އެހެން ޑޮކްޓަރުންނާ އެކު ޑރ. ނަޒްލާ އަށް މިހާރު ކުރައްވަން ޖެހިވަޑައިގެންފައި ވަނީ މުޅިން އާ ތަޖުރިބާއެކެވެ: ކަރަންޓީން ފެސިލިޓީސްތައް ހެދުމާއި މީހުން އެ ތަނުގައި ބޭތިއްބުމާއި ފަރުވާ ދިނުމަކީ ރާއްޖެ އަށް މުޅިން އާ ކަމަކަށް ވީއިރު، އޭނާ އާއި އޭނާ އެކު މަސައްކަތް ކުރައްވާ އެހެން ޑޮކްޓަރުންގެ މަސައްކަތް ނާޒުކެވެ.
މިރޭ ޓީވީ ޕްރޮގޫރާމެއްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، އެނދު މަދުވުމަށް ވުރެ ސިއްހީ ޚިދުމަތްތެރިން މަދުވެދާނެތީ ވަރަށް ބޮޑަށް ހާސްވެވަޑައިގަންނަވާ ކަމަށެވެ. އެކަމަނާ ވިދާޅުވީ، ކޯވިޑް-19 ފެތުރެމުން މިދާ ހަލުއި މިނުގައި ސިއްހީ ޚިދުމަތްެރިންނަށް ވެސް ބަލި ޖެހި ފަރުވާ ނުދެވި ކަރަންޓީން ނުވަތަ އެނދުމަތި ވާންޖެހިދާނެއެވެ. އެހެން ވެއްޖެ ނަމަ ރާއްޖޭން ބޭރުން ވެސް ޚިދުމަތެރިން ގެންނަން ޖެހިދާނެ ކަމަށާއި ނަމަވެސް އެޢީ މިހާރު ފަސޭހަ ކަމެއް ނޫން ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
ޑޮކްޓަރު ވިދާޅުވީ، އެނދު ކިތަންމެ ގިނަ ނަމަވެސް ޚިދުމަތް ދޭނެ މީހުން ނެތް ނަމަ އެ އެނދުން ކުރެވޭނެ ބޭނުމެއް ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް