މޯލްޑީވްސް ކަރެކްޝަނަކް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައި ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ 78 މީހުން އެބަތިބި ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ކަރެކްޝަންސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން އެތަނުން ބަލަހައްޓާ ހަތަރު ޖަލުގެ ތެރެއިން ކޯވިޑް ކޭސްތައް ފެންނަމުން ދަނީ މާލޭ ޖަލު، މާފުށީ ޖަލު އަދި ހިންމަފުށީ އައްސޭރި ޖަލުންނެވެ. ކަރެކްޝަންސް އިން ބުނީ މިވަގުތު ހުޅުމާލޭ ޖަލުގައި އެއްވެސް ޕޮސިޓިވް ކޭސްއެއް ނެތް ކަމަށެވެ.
އެންމެ ޕޮސިޓިވް މީހުން ގިނައީ މާފުށީ ޖަލުގައި އެވެ. އެ ޖަލުގައި ކޯވިޑަށް ޕޮސިޓިވް 31 މީހުންނާއި 77 މީހަކު ކަރަންޓީންގައި ތިބި އިރު އެންމެންނަކީ ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުންނެވެ.
މާލޭ ޖަލުގައި ކޯވިޑަށް ޕޮސިޓިވް 25 ގައިދީންނާއި ހަތަރު އޮފިސަރުން އެބަތިއްބެވެ. އަދި ޕޮސިޓުވް މީހުންނާއި ކޮންޓެކްޓުވެގެން 20 އޮފިސަރުންނާއި 17 ގައިދީއަކު ކަރަންޓީންގައި އެބަތިއްބެވެ.
އައްސޭރި ޖަލުގައި ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 18 އޮފިސަރެކެވެ. އެމީހުންނާއި އެއްވެސް ބަޔަކު ޖަލުތެރެއިން ކޮންޓެކްޓުވެފައި ނުވާ ކަމަށް ކަރެކްޝަންސްއިން ބުނެ އެވެ.
ޖަލުތަކުކުގައި ކޯވިޑް ފެތުރެމުން ދާތީ ހުރިހާ ޖަލެއް އޮތީ ލޮކްޑައުންކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ.
އަދި ހައިރިސްކު ނުވަތަ ކޯވިޑް ޖެހިއްޖެ ނަމަ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ހުރިހާ ގައިދީން ގޭ ބަންދަށް ވަގުތީ ގޮތުން ބަދަލު ކުރުމަށް ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް