ލ. މާންދޫއިން އުފެދުނު ކްލަސްޓާއެއްގައި ލ. ގަމުން ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާއިރު އެ އަދަދު މިއަދު 41 އަށް އަރައިފިއެވެ.
މި އަދަދު 41 އަށް އަރާފައިވަނީ ގަމުން އިތުރު 10 މީހަކު ޕޮޒިޓިވް ވުމުންނެވެ.
ގަމު ކައުންސިލުން މިއަދު ކުރިއަށްގެންދިޔަ ފޭސްބުކް ލައިވްއެއްގައި ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ ސީދާ ގަމުން 10 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެން އެކަކީ ފްލޫ ކްލިނިކަށް ދެއްކި ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. އަނެއް ނުވަ މީހުން ނިސްބަތްވަނީ ގަމަށް ކަމަށެވެ.
އަލީ ނަޝީދު އިތުރަށް ވިދާޅުވީ ގަމުން އަލަށް ޕޮޒިޓިވް ވި 10 މީހުންނާއެކު، މާންދޫ ކްލަސްޓާގައި ގަން އަދި މާންދޫ ޕޮޒިޓިވް ވި ޖުމްލަ އަދަދު 301 އަށް އަރާފައިވާކަމަށެވެ. އަދި ފޮނަދޫން އިތުރު މީހަކު ޕޮޒިޓިވް ވެ ފޮނަދޫގެ ޖުމްލަ 14 އަށް އަރާފައިވާއިރު އިސްދޫން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ޕޮޒިޓިވް ވެ އިސްދޫގެ އަދަދު ތިނަކަށް އެރުމުން ގަމާއި މާންދޫގެ ބޭރުން އަތޮޅުގެ ހަތަރު ރަށެއްގައި 22 ކޭސް ވާކަން އަލީ ނަޝީދު ފާހަގަ ކުރެއްވިއެވެ.
އަލީ ނަޝީދު އިތުރަށް ވިދާޅުވީ ގަމާއި މާންދޫ އަދި ފޮނަދޫ، ދަނބިދޫ، މާބައިދޫ، އިސްދޫގެ ޖުމްލަ އަދަދު 323 އަށް އަރާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް