އިންޑިއާ ވައްޓާލައި އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް ރަޝިއާ

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް ރަޝިއާ ވެއްޖެ އެވެ. ރަޝިއާ އަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެކެވެ. އެކަމަކު ވައިގެ ބޯޑަރު އަލުން ހުޅުވި ފަހުން އިންޑ...

04 May 2021 | 10:42

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް ރަޝިއާ ވެއްޖެ އެވެ.

ރަޝިއާ އަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެކެވެ. އެކަމަކު ވައިގެ ބޯޑަރު އަލުން ހުޅުވި ފަހުން އިންޑިއާ މާކެޓް ފުޅާވެ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި އެ ގައުމު ވަނީ ލިސްޓުގެ ކުރިއަށް އަރާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މި މެއި މަހުގެ ފުރަތަމަ ދެ ދުވަހުގެ ތެރޭގައި 7،212 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެ ދުވަހާ ހަމައަށް އަހަރުގެ ތެރޭ ޖުމްލަ 396،982 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

އޭގެ ތެރެއިން 22.4 ޕަސެންޓް ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އަދި 21.9 ޕަސެންޓް ފަތުރުވެރިން އިންޑިއާ އިން އައިސްފައިވާ އިރު ޔޫކްރެއިން އިން 5.5 ޕަސެންޓް، ޖަރުމަނުން 5.2 ޕަސެންޓް އަދި ކަޒަކިސްތާނުން ހަތަރު ޕަސެންޓް މީހުން އައިސްފައި ވެއެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭ ރާއްޖެ ޒިޔާރަތްކުރީ 91،200 ފަތުރުވެރިންނެވެ. އޭގެ ކުރީ މާޗު މަހު 109،585 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

އިންޑިއާއިން އަންނަ ޓޫރިސްޓުން މަދުވެފައިވަނީ އެ ގައުމުގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުން ދިޔުމުންނެވެ.

އިންޑިއާގައި ހަލުވިކަމާ އެކު ކޯވިޑް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭ މީހުން ދިއިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ފެސިލިޓީތަކަށް އިންޑިއާ ފަތުރުވެރިން ގެނައުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ރިސޯޓުތަކާއި ސަފާރީތަކަށް އިންޑިއާ ފަތުރުވެރިންނަށް އާދެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް